ދިގުތިޔަރަ ފަތަކީ ދިވެހިން ޒަމާނުއްސުރެ ކައުމުގައި ބޭނުންކުރަމުން އަންނަ މީރު ފަތެކެވެ. ހަމަ ކޮންމެ މީހަކަށްވެސް ކެއުމަށް ބޭނުން ކުރެވޭ ދިގުތިޔަރަ ފަތަކީ މަސްހުނި މޮޑެގެން ދިވެހިން މީރުކޮށް ކައި އުޅުނު ފަތެއް ނަމަވެސް މި ފަހަކަށް އައިސް ދިގުތިޔަރަ ފަތް ކެއުން ވަރަށް މަދެވެ.
ފަހަރުގައި ދިގުތިޔަރަ ގަސްތައް ނެތިގެންދިއުމުގެ އެއްމެ ބޮޑު އެއް ސަބަބު އެއީ ކަމުގައި ވެދާނެއެވެ. ދިވެހިންގެ ކާނާގެ ތެރޭގައި އިރެއްގައި މާ ގިނައިން މި ފަތް ބޭނުން ކޮށް އުޅުނަސް މިއަދު މިއީ ތަދު އެއްޗެކެވެ. ނަމަވެސް މިއީ ނެތިދާން ދޫކޮށްލާ ވަރުގެ ފަތެއް ނޫނެވެ.
ގަދީމީ ޒަމާނުއްސުރެ ދިގުތިޔަރަ ފަތަކީ ކެއްސުމަށް އޮތް ފަރުވާއެއްގެ ގޮތުގައި ބޭނުންކުރަމުން އައި ފަތެކެވެ. ދިގުތިޔަރަފަތުގައި ހުންނަ ބައެއް ފައިދާތަކަށް ބަލާލާނަމެވެ.
ދިގުތިޔަރަ ފަތަކީ އޭގައި އެންޓިހިސްޓަމިން ނަމަކަށް ކިޔާ މާއްދަ ގިނަ ފަތެކެވެ. މިއީ ކެއްސުމާއި ކަރުތެރެ ހިރުވުމާއި ނޭވާހިއްލުންފަދަ އުނދަގޫތަކަށް ލުއިކަން ގެނެސްދޭ މާއްދާއެކެވެ. މީގެ އިތުރުން ދިގުތިޔަރަ އަކީ އޭގައި އެންތްރަކުއިނޯން ނަމަކަށް ކިޔާ އަސަރުގަދަ މާއްދާއެއް އެކުލެވޭ ފަތެކެވެ. މިއީ ހަޖަމުގެ ނިޒާމުގައި ވާ ބޮޑުގޮހޮރުގެ ދުޅަހެޔޮ ކަމަށް މުހިއްމު މާއްދާއެކެވެ. ބޮޑުގޮހޮރުގެ މަސްތައް ހަރުދަނާކޮށްދީ ތާޒާކޮށްދެ އިރު ބޮޑުކަމުދިއުމަށް އެތައް ގޮތަކުން ލުއިފަސޭހަކަމެއް ދިގުތިޔަރަފަތުން ލިބިގެން ދެއެވެ.
އެކިކަހަލަ ފަންގަލް އިންފެކްޝަން ތަކަށާއި ބެކްޓީރިއަލް އިންފެކްޝަންތަކާ ދެކޮޅަށް ހަށިގަނޑުގެ ހަތާތައް ވަރުގަދަކޮށްދިނުމަށް ވެސް ދިގުތިޔަރަ ފަތް އެހީތެރިވެދެއެވެ.

ހާއްސަކޮށް ހަމަށް ޖެހޭ އެކިކަހަލަ އިންފެކްޝަންތަކާއި ކުޑަކަމުދާ ނިޒާމުގެ އިންފެކްޝަންތަކާ ދެކޮޅަށް މި ފަތުގައި ހުންނަ މާއްދާތަށް މަސައްކަތް ކުރެއެވެ. ކުޑަކަމުދާ ނިޒާމުގެ މައްސަލަ ތަކުގެ ތެރެއިން ކުޑަކަމުދާ ހޮޅި ސާފު ނުވުމާއި އަދި ކުޑަކަމު ނުދެވުމާއި ދާން އުނދަގޫވުންފަދަ ކަންކަމަށް ލުއި ލިއްބައިދޭ މާއްދާތަށް ވެސް ދިގުތިޔަރަފަތުގައި ހިމެނެއެވެ.
ދަރިމައިވުމަށް ފަހު ކުރިމަތިވާ ލޭމަދުވުން ރަނގަޅުކޮށްދީ ވަރުބަލިކަން ފިލުވައިލުމަށް ދިގުތިޔަރަ ފަތް ބޭނުންކުރެއެވެ. އަދި ފަންގަސް އާއި ޕެރެސައިޓް ފަދަ ޖަރާސީމުގެ ސަބަބުން ހަންގަނޑަށް ޖެހޭ ތަފާތު ބަލިތަކަށް ފަރުވާކުރުމުގައި ދިގުތިޔަރަފަތް ބޭނުންކޮށްފައިވެއެވެ.
ދިގުތިޔަރަ ފަތަކީ ރާއްޖެއިން ފަސޭހައިން ލިބެން ހުންނަ ފަސޭހައިން ހެއްދޭ ގަހެކަށްވާ އިރު ގޭގެ ގޯތިތެރޭގައި ނުވަތަ ބެލްކަނީގައި ދިގުތިޔަރަގަހެއް ހައްދާ ދިގުތިޔަރަ ފަތް ކެއުމުގައި ހިމަނަން ފަށާށެވެ.
ނޯޓް: ބޭރަށްހިނގާ މީހެއްނަމަ ބޭރަށްހިނގާ ދުވަސްވަރު ދިގުތިޔަރަ ފަތް ކެއުން އެދެވިގެން ނުވާ ކަމަށް ދިރާސާވެރިން ދެކިލައްވައެވެ.





