ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރި، ޕޯޗުގަލްގެ ކެޕްޓަން އަދި ސައުދީ އަރަބިއްޔާގެ އަލް ނަސްރު ކްލަބުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ، ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން ބިލިޔަނަރަކަށްވި ފުރަތަމަ ކުޅުންތެރިޔާގެ ގޮތުގައި ތާރީޚީ ރިކޯޑެއް ހަދައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ދަފްތަރު އާންމުކުރާ ބްލޫމްބަރގް އިންނެވެ.
ބްލޫމްބަރގް އިން އާންމުކޮށްފައިވާ ރިޕޯޓުތައް ބުނާގޮތުން އުމުރުން 40 އަހަރުގެ ރޮނާލްޑޯގެ މިހާރުގެ މިލްކިއްޔާތަކީ 1.4 ބިލިއަން އެމެރިކާ ޑޮލަރެވެ. މިއީ ފުޓްބޯޅަ ދާއިރާގައި ހުރި ކުޅުންތެރިއަކު މިހާ ބޮޑު މުއްސަނދިކަމެއް ހޯދި ފުރަތަމަ ފަހަރެވެ.
ބްލޫމްބަރގް އިން މި މައުލޫމާތު އާންމުކޮށްފައިވަނީ 2002 އިން 2023 ގެ ނިޔަލަށް ކްރިސްޓިއާނޯ ރޮނާލްޑޯ އަށް މުސާރައިގެ ގޮތުގައި ލިބިފައިވާ އާމްދަނީގެ އިތުރުން ސްޕޮންސަރޝިޕްތަކުން އޭނާއަށް ލިބިފައިވާ އާމްދަނީ ހިމަނައިގެންނެވެ. މި މުއްދަތުގެ ތެރޭގައި ރޮނާލްޑޯ އަށް އާމްދަނީގެ ގޮތުގައި 550 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާއިރު، އޭނާއަށް ކުޅިވަރު ސާމާނު އުފައްދާ ނައިކީ އިން ވަނީ އަހަރަކު 18 މިލިއަން އެމެރިކާ ޑޮލަރުގެ އެއްބަސްވުމެއް ދިހަ އަހަރުގެ މުއްދަތަށް ދީފަ އެވެ.
2022 ވަނަ އަހަރު ސައުދި އަރަބިއްޔާގެ އަލް ނަސްރު ކްލަބާއި ރޮނާލްޑޯ ގުޅިފައިވަނީ މުސާރައިގެ ގޮތުގައި އަހަރަކު 177 މިލިއަން ޕައުޑަށެވެ. މިއީ ފުޓްބޯޅަ ކުޅުންތެރިއެއްގެ މުސާރައިގެ ގޮތުގައި މިހާތަނަށް ދީފައިވާ އެންމެ ބޮޑު އަދަދެވެ. ދެ އަހަރު ދުވަހުގެ މުއްދަތަށް އަލް ނަސްރަށް ސޮއި ކުރުމަށްފަހު، އޭނާ ވަނީ އިތުރު ދެ އަހަރު ދުވަހު އެ ކްލަބުގައި މަޑު ކުރުމަށް ދާދި ފަހުން ނިންމާފަ އެވެ. އެހެންކަމުން އަލް ނަސްރު އިން މުސާރައިގެ ގޮތުގައި އޭނާއަށް 400 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު އާމްދަނީ އެއް ލިބިގެންދާނެ އެވެ.
ފުޓްބޯޅައިގައި ރޮނާލްޑޯ އާއި އެންމެ ވާދަވެރި އާޖެންޓީނާގެ ލިއޮނެލް މެސީގެ މިލްކިއްޔާތަކީ 600 މިލިއަން އެމެރިކާ ޑޮލަރު ކަމަށް ބްލޫމްބަރގް އިން ވަނީ ރިޕޯޓްކޮށްފަ އެވެ.
ރޮނާލްޑޯގެ މި ކާމިޔާބީއަކީ އޭނާގެ ކުޅުމުގެ ހުނަރާއި، ދުރު ރާސްތާގެ ވިޔަފާރީގެ ހިކުމަތްތެރިކަމުގެ ހެއްކެކެވެ.





