އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ރޭ ތަޖިކިސްތާނުގެ ހިސޯރު ސެންޓްރަލް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު ތަޖިކިސްތާން އަތުން 2-0 ގެ ނަތީޖާއަކުން ބަލިވެއްޖެއެވެ. މި ނަތީޖާއާއެކު ރާއްޖެ ވަނީ ކޮލިފައިން ގްރޫޕުގެ ތާވަލުގެ އެންމެ ފުލަށް ގޮސްފައެވެ.
ކޮލިފައިންގައި މީގެކުރިން ކުޅުނު ދެ މެޗުންވެސް ބަލިވެފައިވާ ރާއްޖެ ކޮޅަށް ތަޖިކިސްތާނުން ޖެހި ދެ ލަނޑަކީ ދިވެހި ޓީމުގެ ކުޅުންތެރިންނަށް ހެދުނު ގޯސްތަކެއްގެ ފައިދާ ނަގާ ފުރަތަމަ ހާފުގައި ޖެހި ދެ ގޯލެވެ. މި ދެ ލަނޑާއެކު ތަޖިކިސްތާނު ވަނީ މެޗުގެ ފުރަތަމަ ހާފު ނިމުނު އިރު ލީޑު ނަގާފައެވެ.
މެޗުގެ 8 ވަނަ މިނިޓްގައި ތަޖިކިސްތާނުގެ ފުރަތަމަ ގޯލު ޖެހީ ޝަހްރޮން ޝަމިއޭވް އެވެ. އަރިމަތިން ނެގި ހުރަހެއް ރާއްޖޭގެ ޑިފެންޑަރުންގެ ތެރެއިން ކުރިއަރައި އައި އޭނާ ފޮނުވާލުމުން ގޯލަށް ވަނީ ކީޕަރު މުހައްމަދު ފައިސަލްގެ ފައިގައި ވެސް ޖެހިފައެވެ. އޭގެ ފަހުން އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ ޝެރްވޯނީ މަބަޓްޝޮއޭވް އެވެ. މި ލަނޑަކީ ވެސް އަރިމަތިން ނެގި ހުރަހެއް ކީޕަރު ފައިސަލް ހިފަން ފުންމައިގަތުމުން އަތުގައި ޖެހިފައި ބޯޅަ ދޫވުމުން ލިބުނު ހުސް ބޯޅަ އަކުން ޖެހި ގޯލެކެވެ.
ފުރަތަމަ ހާފުގައި މި ދެ ގޯލު ވަންނަމަވެސް ރާއްޖެ ވަނީ ދެ ވަނަ ހާފުގައި ޑިފެންސިވް ޑިސިޕްލިން ރަނގަޅުކޮށް ވަރަށް ބޮޑަށް ކުޅުން ރަނގަޅު ކޮށްފައެވެ. މެޗުގައި ރާއްޖެ އަށް ލަނޑު ޖަހަން އެންމެ ހުސް ފުރުސަތެއް ލިބުނީ ބަދަލު ކުޅުންތެރިޔާ ހަސަން ރާއިފް (ހަންނަ) އަށެވެ. މެޗުގެ އިތުރު ވަގުތުގައި ހުސްކޮށް ލިބުނު ބޯޅަ ތަޖިކިސްތާނުގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ހިފައިގެން ވަދެ ފޮނުވާލި ބާރު ހަމަލާ ދިމާވީ ގޯލުގެ ހުރަސްދަނޑިއަށެވެ.
މި މެޗުން ބަލިވުމުން ރާއްޖެ އޮތީ ހަތަރު ޓީމު ހިމެނޭ ގްރޫޕުގައި ޕޮއިންޓެއް ނުލިބި ތާވަލުގެ ފުލުގައެވެ. އެއްވަނާގައިވަނީ މި މެޗުގެ ތިން ޕޮއިންޓާއެކު ޖުމުލަ ހަތް ޕޮއިންޓް ލިބިގެން ތަޖިކިސްތާނެވެ.
މި ދެ ޓީމު އަންނަ ހަފުތާގައި ރާއްޖޭގައި ކުޅެން ޖެހޭ މެޗަށް ނުކުންނާނެއެވެ.





