ދިވެހި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން ބޭނުން ކުރަމުންދާ ރަސްމީ ޖާޒީ ފީފާގެ ދާރުލްއާސާރަށް ލައިފި އެވެ.
އެފްއޭއެމްގެ ރައީސް އަދި އދ. މަހިބަދޫ ދާއިރާގެ މެންބަރުގެ މަގާމު ވެސް ފުރުއްވަމުން އަންނަ އަހުމަދު ތޯރިގް (ޓޮމް) ސޯޝަލް މީޑިއާގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ ދިވެހި ކުންފުންޏެއް ކަމަށްވާ ޖާޒިއާއިން ރާއްޖޭގައި ތައްޔާރުކުރި ގައުމީ ޓީމުގެ ޖާޒީއެއް ފީފާގެ ދާރުލްއާސާރަށް ލާން ހަވާލުކޮށްފައިވާ ކަަމަށެވެ.
ފީފާގެ ދާރުލް އާސާރާއި ޓޮމް ޖާޒީ ހަވާލުކޮށްފައި ވަނީ ދާދި ފަހުން ސްވިޓްޒަލެންޑްގެ ޒިޔުރިކަށް ކުރެއްވި ދަތުރުގައި ފީފާގެ މައި އިދާރާއަށް ވަޑައިގެންނެވެ.
ފީފާގެ ދާރުލްއާސާރުގައި ދުނިޔޭގެ 211 ގައުމެއްގެ ރަސްމީ ޖާޒީ ހިމެނޭ އިރު ޖާޒީތައް ތަރުތީބުކޮށްފައި ވަނީ އަލްފެބެޓިކް ތަރުތީބުންނެވެ.
ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމިޓީއަށް މިހާރު ހޮވިވަޑައިގެންފައިވާ ޓޮމްއަކީ ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ފޯވާޑެވެ. އދ. މަހިބަދޫ އަށް އުފަން ޓޮމް އަކީ 2003 އިން ފެށިގެން ރިޓަޔާކުރުމާ ހަމަޔަށް ގައުމީ ޓީމުގައި ހިމެނު މުހިއްމު ކުޅުންތެރިއެކެވެ.





