ބޮލީވުޑްގެ އެންމެ މަޝްހޫރު ތިން ޚާނުން ކަމަށްވާ އާމިރު ޚާނާއި ޝާހްރުކް ޚާންގެ އިތުރުން ސަލްމާން ޚާން ސައުދީ އަރަބިއްޔާގައި ބާއްވާ ބޮޑު އެންޓަޓައިންމަންޓް ފޯރަމެއްގައި އެކީގައި ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މިކަމަކީ ބޮލީވުޑްގެ ސަޕޯޓަރުންނާއި މުނިފޫހިފިލުވުމުގެ ދާއިރާއަށް ލޯބިކުރާ ފަރާތްތަކަށް ވަރަށް ބޮޑު ހައިރާންކަމާއި އުފާވެރިކަމެއް ގެނުވާނެ ކަމެއް ކަމަށް ބެލެވެއެވެ.
މި މަހުގެ 16 ގައި ފަށާ ”ޖޯއި ފޯރަމް: ދަ ނިއު އޭޖް އޮފް އެންޓަޓައިންމަންޓް“ ގެ ދެވަނަ ދުވަހު، މި މަހުގެ 17 ވަނަ ދުވަހު ބާއްވާ ޚާއްސަ ޑިސްކަޝަނެއްގައި މި ތިން ތަރިން ސްޕީކަރުންގެ ގޮތުގައި ބައިވެރިވާނެ އެވެ.
މި ފޯރަމް ބާއްވަން ހަމަޖެހިފައި ވަނީ ސައުދީގެ ވެރިރަށް ރިޔާދުގެ ބޮލެވާޑްގައި ހުންނަ އެސްއީއެފް އެރީނާގަ އެވެ.
ސައުދީގެ ޖެނެރަލް އެންޓަޓައިންމަންޓް އޮތޯރިޓީ (ޖީއީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ މި ފޯރަމްގައި ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ ތިން ޚާނުން ބައިވެރިވާނެކަން ރަސްމީކޮށް ހިއްސާކުރެއްވީ ޖީއީއޭގެ ޗެއާމަން ތުރްލީ އަލްސިކެވެ.
މުނިފޫހިފިލުވުމުގެ ދާއިރާގައި ސައުދީ އަރަބިއްޔާ ކުރިއަރަމުން އަންނަ މި ދުވަސްވަރު، މިފަދަ ބޮޑެތި ތަރިން ބައިވެރިވުމަކީ ދާއިރާއަށް އިތުރު ކުރިއެރުންތައް ލިބޭނެ ކަމެކެވެ.
”ޖޯއި ފޯރަމް“ ގެ ތެރޭގައި މުނިފޫހިފިލުވުމުގެ ދާއިރާއާ ގުޅޭ ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންދާނެ އެވެ.
ސައުދީ އަރަބިއްޔާގައި ބާއްވަމުން އަންނަ ”ރެޑް ސީ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް“ އަކީ ވެސް ބޮލީވުޑްގެ ތަރިން އާންމުކޮށް ބައިވެރިވާ އިވެންޓެކެވެ. މި އަހަރުގެ އެ ފެސްޓިވަލް އޮންނާނީ ޑިސެންބަރު 4 އިން 13 އަށެވެ.





