އޮކްރާ، އާއްމު ނަމުންނަމަ ’ލޭޑީސް ފިންގާ’ގެ ގޮތުގައި ގިނަބަޔަކު ދަންނަ މި ތަރުކާރީއަކީ ދިވެހިންގެ މެދުގައި ވަރަށް އާއްމު ތަރުކާރީއެކެވެ. މި ތަރުކާރީ ބައެއް ދިވެހި ގޭގޭގައި މުޑުވައްކޮށް ހައްދާ އުޅެއެވެ. މިއީ މިއަދު ދިވެހިންގެ ކެއުންތަކުގައި ވެސް ބޭނުން ކުރާ ތަރުކާރީއެކެވެ. ލޭޑީސް ފިންގާ އިން އިންސާނާގެ ހަށިގަނޑަށް ލިއްބައިދޭ ފައިދާތަކަށް ނަޒަރެއް ހިންގާލަމާ ހިނގާށެވެ.
ލޭޑީސް ފިންގާ އަކީ އޭގައި ގިނަ އަދަދަކަށް ފައިބަރު އެކުލެވޭ ތަރުކާރީއެކެވެ. މި ފައިބަރުތަކުގެ ނަތީޖާއަކަށް ވަނީ ހަޖަމުގެ ނިޒާމު ހަރުދަނާކޮށް، ހަޖަމަށް ފަސޭހަކޮށްދިނުމެވެ. އެހެންކަމުން ހަޖަމުގެ ނިޒާމުގެ އެކި އެކި އުނދަގޫތައް ހުންނަ ފަރާތްތަކަށް ލޭޑީސް ފިންގާ އަކީ ފައިދާ ކުރުވަނިވި ކާނާއެކެވެ.
އިންސާނާގެ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށް ބަދަހިކޮށް ހީވާގިކޮށްދޭ އެއް މާއްދާ އަކީ ވިޓަމިން ސީއެވެ. ވިޓަމިން ސީ އަކީ ލޭޑީސް ފިންގާގައި ގިނަ އަދަދަކަށް އެކުލެވޭ މާއްދާއެކެވެ. މީގެ އިތުރުން ވިޓަމިން ކޭ އަކީ ވެސް ލޭޑީސް ފިންގާގައި ގިނަ މާއްދާއެކެވެ. ވިޓަމިން ކޭ އަކީ އަކީ އިންސާނާ ކައިއުޅޭ ކާނާގައި ހުންނަ ކެލްސިއަމްގެ ބައި ހަށިގަނޑަށް ނުވަތަ ލޭގެ ތެރެެއަށް ނެގުމަށް އެހީވެދީ ކަށިތައް ވަރުގަދަކޮށްދިނުމަށް އެހީތެރިވެދޭ މާއްދާއެކެވެ. މިއާއި އެކު އިސްތައްޓަށާއި ހަންގަނޑުގެ ދުޅަހެޔޮ ކަމަށް ބޭނުންވާ ވިޓަމިން އީ ވެސް ލޭޑީސް ފިންގާގައި ގިނަ އަދަދަކަށް ހުރެއެވެ.
ލޭޑީސް ފިންގާގައި އެކުލެވޭ އެންމެ މުހިއްމު އެންޓިއޮކްސިޑެންޓް ކަމަށްވާ ޕޮލީފެނޮލްސްގެ ސަބަބުން ހިތުގެ ދުޅަހެޔޮކަން އިތުރުކޮށްދީ ލޭގައި އުފެދޭ ’ކްލޮޓްސް‘ އުފެދުން ކޮންޓްރޯލްކޮށްދެއެވެ. ހަމައެއާއެކު ސިކުނޑީގެ ދުޅަހެޔޮކަން އިތުރުކޮށްދީ އިންފްލެމޭޝަންއިން ހަށިގަނޑު ރައްކާތެރިކޮށްދިނުމަށް ޕޮލީފެނޮލްސް އެހީތެރިވެދެއެވެ.
ލޭޑީސް ފިންގާއަކީ އޭގައި ގިނަ އަދަދަކަށް އެންޓިއޮކްސިޑަންޓްސް އެކުލެވޭ ތަރުކާރީއެކެވެ. މިއީ އިންސާނާގެ ހަށިގަނޑުގައި ހުންނަ އެކިކަހަލަ ވިހަތައް ހަށިގަނޑުން ބޭރުކޮށްދީ ލޭގެ ސާފުކަން އިތުރުކޮށްދިނުމަށް އެހީތެރިވެދޭ މާއްދާއެކެވެ. މީގެ އިތުރުން މިއީ ހިތުގެ ދުޅަހެޔޮ ކަމަށް ވެސް އެހީތެރި ވެދޭނެ މާއްދާއެކެވެ.
މާބަނޑު ދުވަސްވަރު ބަނޑުގައިވާ ތުއްތު ދަރިފުޅުގެ ހަށިގަނޑުން އައިބުތަކުން ރައްކާތެރިކޮށް ފުރިހަމަ ސިއްހަތެއްގައި ކުއްޖާ ހެދިބޮޑުވުމަށް ފޮލޭޓް ކިޔާ ބޭހެއް ޑޮކްޓަރުން ދެއްވައެވެ. މިއީ ބައެއް ކަހަލަ ކާނާއިން ވެސް ލިއްބައިދޭ މާއްދާއެކެވެ. އެގޮތުން ލޭޑީސްފިންގާއަކީ އޭގެތެރެއިން އެއްބާވަތެވެ.
އެއްޖޯޑުގެ ލޭޑިސްފިންގާއިން މާބަނޑު މީހަކަށް ދުވާލަކަށް ބޭނުންވާނެ %15 ފޮލޭޓް ލިއްބައިދެއެވެ. އެހެންކަމުން މާބަނޑު އަންހެނުން އާދަކޮށް ލޭޑީސްފިންގަރ ކެއުމުގައި ހިމެނުމަކީ ވަރަށްވެސް މުހިއްމު ކަމެކެވެ.
މިއީ ކެއުމުގައި ތަފާތު ގޮތްގޮތަށް ބޭނުންކުރެވިދާނެ ތަރުކާރީގެ ބާވަތެކެވެ.





