ނަންރީތިމާ ނުވަތަ އިނގިރޭސި ބަހުންނަމަ ބަޓާފްލައި ޕީ ފްލާވާއަކީ ދިވެހި ބަގީޗާތަކުން މަދުން ފެންނަ މަލެއް ނަމަވެސް މި ފަހުން މި މަލަކީ ގިނަ ބަޔަކު މާ ބޮޑަށް ހައްދާ ހިތްވާ މަލެކެވެ. ޕާކުތަކާއި އެކި ކަހަލަ މައިޒާން ތަކުގެ އިތުރުން ރަށްރަށުގައި ގޭގެ ފާރުމަތީގަަޔާއި މަގުގެ މައިދޮރު މައްޗަށް ވެޔޮގަނޑެއްގައި އަޅާ މި މާ ވެޔޮ އަރުވާފައި އޮންނަ ތަން ފެނެއެވެ.
މި މަލުގެ ރީތިކަމާ އެއްވަރަށް ނަންރީތިމާ މިއީ ވަރަށް ގިނަ ސިއްހީ ފައިދާތައް އޭގައި އެކުލެވޭ މަލެކެވެ. މި މަލުން ލިބިދޭ ފައިދާތަކުގެ ސަބަބުން ކޮންމެ ދުވަހަކު ވެސް މިއީ ކެޔުން ބުއިމުގައި ހިމަނާލެވިދާނެ މަލެކެވެ.
މި މަލުން ހިތުގެ ބަލިތަކާއި، ސިކުނޑީގެ ދުޅަހެޔޮކަން، އެންޓި ޑައިބެޓިކް އަދި ކެންސަރުގެ ބަލިތަކުން ހަށިގަނޑަށް ރައްކާތެރިކަން ހޯދައިދެއެވެ.
ބައެއް ދިޜާސާތަކުގެ އަލީގައި ނަންރީތި މަލުގެ ފައިދާތައް
- ނަންރީތިމަލުގެ ސައިން ގައިގެ ހަންގަނޑު ޒުވާންކޮށްދޭ
- އިސްތަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކޮށްދޭ
ބަރުދަން ލުއިކޮށްދޭ - ލޭގައި ހަކުރު ހުންނަ މިންވަރު ދަށް ކޮށްދީ ކޮލެސްޓްރޯލް ދަށްކޮށްދޭ
- ކެންސަރު ސެލްތައް މަދުކޮށްދީ ހަށިގަނޑުގެ ތަދުތަކާއި ދުޅަތައް އަވަހަށް ތިރިކޮށްދޭ
- މި މަލުގައި ހިމެނޭ މާއްދާ އެއްގެ ސަބަބުން ކެންސަރުސެލްތައް ދުރުކޮށްދީނުމުގެ އިތުރުން ސެލްތަކުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ
މި މަލަކީ ވަރަށް ގިނަ ބަޔަކު ހާބަލް ސައެއްގެ ގޮތުގައި ތައްޔާރުކޮށްގެން ބުއިމަށް ބޭނުންކުރާ މަލެކެވެ. އެހެން ވުމުން މި ސައި ތައްޔާރުކުރާނެގޮތް ހިއްސާކޮށްލަނަމެވެ.
ނަންރީތިމަލުގެ ސައި ތައްޔާރުކުރުމަށް ބޭނުންވާނެ ތަކެތި:
4 – 8 ހިއްކާފައިވާ ނަންރީތިމާ
1 ޖޯޑު ހޫނުފެން
1 ސައިސަމުސާ މާމުއި
ލުނބޯ ފަޅިއެއް
ނަންރީތިމަލުގެ ސައި ތައްޔާރުކުރާނެ ގޮތް:
މިސައި ތައްޔާރު ކުރުމަށް ހިއްކާފައިވާ ނަންރީތިމާތައް ކެކިފައިވާ ހޫނުފެނުގެ ތެރެއަށް އަޅައި 10-15 މިނެޓް ވަންދެން މަތި ބަންދު ކޮށްފައި ބެހެއްޓުމަށްފަހު ފުރާނާލާށެވެ. ބޭނުންނަމަ މާމުތާއި ލުނބޯ ހުތްވެސް އިތުރު ކުރެވިދާނެއެވެ. ލުނބޮލުގައި ހިމެނޭ ޕީއެޗްގެ ސަބަބުން މަލުގެ ކުލަ ނޫ ކުލައިން ދަނބު ކުލައަކަށް ބަދަލުވެގެން ދާނެއެވެ.

ނަންރީތިމަލުގެ ސަޔަކީ އާންމު ގޮތެއްގައި ކެއުމުގެ ކުރިން ނުވަތަ ފަހުން ވެސް ބޭނުން ކުރެވިދާނެ ސައެކެވެ. ހާއްސަކޮށް ނިދުމުގެ ކުރިން މި ސައި ބުއިމުން އޭގައިވާ އެމައިނޯ އެސިޑެއް ކަމަށްވާ ޓްރިޕްޓޯފަންގެ ސަބަބުން މެލަޓޮނިން ހޯރމޯން އިތުރުކޮށްދީ ފަސޭހައިން ނިދުމަށް އެހީތެރިވެދެއެވެ.
ނޯޓް: މިފަދަ ކޮންމެ އެއްޗަކީ ބޭނުންކުރުމުން ސައިޑް އިފެކްޓެއް މެދުވެރިވެދާނެ އެއްޗެކެވެ. އެހެންކަމުން މިސައި ބޭނުން ކުރުމަށް ފަހު އެެއްވެސް ސައިޑް އިފެކްޓެއް ދިމާވެއްޖެނަމަ ލަސްނުކުރައްވާ ސިއްހީ ފަރުވާ ހޯދުން އެދެވިގެންވެއެވެ.





