އަންނަ އަހަރު ބާއްވާ ފިފާ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ އުއްމީދު އިޒްރޭލަށް ގެއްލިއްޖެއެވެ.
މިއީ އިޓަލީ އަތުން 3-0 ގެ ނަތީޖާއަކުން ބަލިވެ، ވޯލްޑް ކަޕަށް ކޮލިފައިވުމުގެ ފުރުސަތު އިޒްރޭލަށް ނެތިދިޔަ ދިއުމެކެވެ. މި މޮޅާއެކު އިޓަލީން ވަނީ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ އުއްމީދު އާކޮށްފައެވެ.
މި މެޗަށް ފަހު ގްރޫޕް އައިގެ ތާވަލަށް ބަލާއިރު، އިޓަލީ އޮތީ 6 މެޗުން ލިބުނު 15 ޕޮއިންޓާ އެކު ދެވަނައިގައެވެ. އެއްވަނައިގައި 6 މެޗުން 18 ޕޮއިންޓު ހޯދައިގެން އޮތީ ނޯވޭ އެވެ. އިޒްރޭލު މި ގްރޫޕްގެ ތިންވަނައިގައި 7 މެޗުން ލިބުނު 9 ޕޮއިންޓާ އެކު އޮތުމާއެކު، ކުރިއަށް ދިއުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ. މި ގްރޫޕްގައި އިޒްރޭލާއި އެސްޓޯނިއާ ފިޔަވައި ކޮންމެ ޓީމަކަށް ވެސް އަދި ދެ މެޗު އެބައޮތެވެ. ގްރޫޕްގެ އެއްވަނަ އަށް ވޯލްޑް ކަޕުން ސީދާ ޖާގަ ލިބޭއިރު، ދެވަނަ ހޯދާ ޓީމު ކޮލިފައިވާނީ ޕްލޭއޮފް ކުޅެގެންނެވެ.
ވަރުގަދަ ސެކިއުރިޓީއާއެކު ކުޅުނު މި މެޗުގައި އިޓަލީގެ ފުރަތަމަ ގޯލު ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ މަޓެއޯ ރެޓަގުއީ އެވެ. މެޗުގެ 74 ވަނަ މިނެޓްގައި އިޓަލީގެ ދެވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ ރެޓަގުއީ ކަމަށްވާއިރު، އެޓީމުގެ ތިންވަނަ ގޯލު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދީފައިވަނީ ޖިއާންލޫކާ މަންޗީނީ އެވެ.
މި މޮޅާއެކު ވޯލްޑް ކަޕަށް ކޮލިފައިވުމުގެ އުއްމީދު އިޓަލީން ވަނީ އާކޮށްފައެވެ. އެންމެ ފަހުން ބޭއްވި ދެ ވޯލްޑް ކަޕަށް ވެސް އިޓަލީ ކޮލިފައިވެފައެއް ނުވެއެވެ.





