ފާގައަކީ މަޑު ފޮނި ރަހައެއް ދޭ މީރު މޭވާއެކެވެ. މި މޭވާގެ އެކިވައްތަރުތައް ހުރެއެވެ. ރާއްޖެއިން ފަސޭހައިން ފާގަ ލިބޭ އިރު ގިނަ ދިވެހީން މި މޭވާއާއި ދުރުކަން ފާހަގަކުރެވެއެވެ. ނަމަވެސް ފާގައިން ލިބޭ ފައިދާތަކަށް ބަލާ އިރު މިއީ ކެއުމުގައި ނުހިމަނާ ދޫކޮށްލަން ހެޔޮވާވަރުގެ މޭވާއެއް ނޫނެއެވެ.
ހަކުރު ބައްޔަކީ ދިވެހީންގެ ތެރެއިން މިހާރު އާންމު ބައްޔަކެވެ. ހަކުރު ބަލި ޖެހެނީ ލޭގައި ހުންނަ ހަކުރުގެ މާއްދާ މާބޮޑަށް މަތިވުމުންނެވެ. މިގޮތަށް ހަކުރުގެ މާއްދާ މަތިވުމަށް ދިމާވާ މައިގަނޑު ސަބަބަކީ ހަށިގަނޑުގައި އިންސިއުލިން އުފައްދައިދޭ މިންވަރު މަދުވުމުގެ ސަބަބުންނެވެ. އިންސިއުލިންއަކީ ލޭގައި ހަކުރުގެ މިންވަރު ކޮންޓްރޯލްކޮށް އެއްހަމައެއްގައި ބަހައްޓައިދޭ ހޯރމޯންއެކެވެ.
ސިއްޙީ މާހިރުން ލަފާ ދެއްވާގޮތުގައި ހަކުރު ބައްޔަކީ މުޅިން ރަނގަޅު ނުކުރެވުނު ނަމަވެސް ކޮންޓްރޯލް ކުރެވިދާނެ ބައްޔެކެވެ. އަދި ކޮންޓްރޯލް ނުކުރެވިއްޖެނަމަ ތަކުލީފުތަކަކާއި ކުރިމަތިލާން ޖެހިދާނެ ބައްޔެކެވެ.
ހަކުރުބަލި ކޮންޓްރޯލް ކުރުމަށް ފާގައަކީ ވަރަށް ފައިދާ ހުރި މޭވާއެކެވެ. އެކަން އެހެން ވަނީ ފާގައިގައި ފައިޓޯނިއުޓްރިއެންޓެއް ކަމުގައިވާ ”ޕޮލީޕެޕްޓައިޑް ޕީ“ ހުރުމުގެ ސަބަބުން ލޭގެ ހަކުރުގެ މިންވަރު ދަށްކޮށްދޭތީއެވެ. މިއީ އިންސިއުލިން އުފެއްދުމުގައި ހަށިގަނޑަށް ބޮޑު އެހީއެއް ވެދޭ އެއްޗެކެވެ. މިކަމަށް ސިއްހީ މާހިރުން ވެސް ތާއީދު ކުރެއެވެ.
މީގެ އިތުރުން ފާގައިގައި ހަކުރު ދަށް ކުރުވަނިވި މާއްދާއެއް ކަމުގައިވާ ”ޗެރެންޓިން ނަމަކަށް ކިޔާ މާއްދާއެއް ހުރެއެވެ. ޗެރެންޓިންއަކީ ސަރުބީ އެކުލެވޭ ޓިޝޫތަކާއި މަސްތަކަށް އަދި ފުރަމެޔަށް ގުލްކޯޒު ނަގާ މިންވަރު މަތިކޮށް ގްލައިކޯޖަން އުފެދޭ މިންވަރު އިތުރުކޮށްދޭ މާއްދާއެކެވެ.
ސިއްހީ މާހިރުން ވިދާޅުވާގޮތުގައި ދުޅަހެޔޮ ސިއްހަތެއްގައި އިންސާނާ ހުރުމަށްޓަކައި ފާގަ ކެއުންބުޔުމުގައި ހިމެނުމަކީ ވަރަށް ބުއްދިވެރި ކަމެކެވެ. އެއީ ވައިރަސްތަކާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރު ހުންނަ މޭވާއަކަށް ފާގަވެފައި ހަށިގަނޑުގެ ސެލްތަކާއި ނާރުތައް ދުޅަހެޔޮ ކަންމަތީ ދެމެހެއްޓުމަށް އެހީތެރިވެ ދޭތީއެވެ.
އިންސާނާގެ ހަށިގަނޑުގައި ހުންނަ ހަކުރު ދަށްކުރުށް ގޭގައި ފަސޭހައިން ތައްޔާކޮށްލެވިދާނެ ފާގަފަނި ތައްޔާރު ކުރާނެ ގޮތް ހިއްސާކޮށްލާ ނަމެވެ. ފާގަފަނި ތައްޔާރު ކުރާނެ ގޮތް ތިރީގައި އެވަނީއެވެ.
ބޭނުންވާތަކެތި:
ފެން
ލޮނު
ކަޅުދިރި
2 ފާގަ (ބޮޑު)
1 އާފަލު (ފެހި)
1 ކިޔުކަންބާ ( އާދައިގެ )
½ ސައިސަމުސާ ކަޅުދިރި
½ ސައިސަމުސާ ލެމަން ޖޫސް
ތައްޔާރު ކުރާނެ ގޮތް:
ފާގައިގެ އޮށްތައް ނެގުމަށް ފަހު އާފަލު އަދި ކިޔުންކަންބާ ކުދިކޮށް ކޮށާލާށެވެ. އެއަށް ފަހު ބުލެންޑަރަށް ރަހަލާވަރަށް ކުޑަ ލޮނުކޮޅެއް އެޅުމަށް ފަހު ކޮށާފައި ހުރި ފާގަ، އާފަލު އަދި ކިޔުންކަންބާކޮޅު މިކްސަރަށް އަޅާށެވެ. އަދި އެތަކެތި ފޮރުވޭ ވަރަށް ފެން އެޅުމަށް ފަހު ރަނގަޅަށް ރަނގަޅަށް ބުލެންޑްކޮށްލާށެވެ. ރަނގަޅަށް ބުލެންޑްކޮށްލުމަށް ފަހު ފުރާނާލާށެވެ.
ފުރާނާފައި ހުރި ޖޫސްފޮދުގެ ތެރެއަށް ލުނބޯ ހުތް ފޮދައި ކަޅުދިރިކޮޅު އަޅާފައި ރީތިކޮށް ގިރާލާށެވެ. ވަރަށް ރަނގަޅަށް ގިރާލުމުން ޖޫސް ތައްޔާރު ވީއެވެ. ކޮންމެ ދުވަހަކު ހުސްބަނޑާއި ހުރެ މީގެ ޖޫސްތައްޓެއް ބޯލާށެވެ. ހަފްތާއެއްގެ ތެރޭގައި މި ޖޫހުގެ ނަތީޖާ ފެންނާނެއެވެ.
ގިނަ ބަޔަކަށް ހީވެފައި އޮންނަނީ ފާގައަކީ ރުޅި ގަދަ މީހުން ކެއުމަށް ހާއްސަ މޭވާއެއް ކަމުގަވެ. ނަމަވެސް ފާގައަކީ ހަމައެކަނި ރުޅި ގަދަ މީހުން ކާންޖެހޭ މޭވާއެއް ނޫނެއެވެ. އެއީ ރަނގަޅު ސިއްހަތެއްގައި ހުރުމަށް މަސައްކަތް ކުރާ ކޮންމެ މީހަކު ވެސް ކެއުމަށް މުހިންމު މޭވާއެކެވެ.





