ދިވެހިރާއްޖޭގެ ގައުމީ ޓީމުތަކުގެ އެތުލީޓުންނާއި އޮފިޝަލުންނަށް ދެމުން އަންނަ އިނާޔަތް، 7،000 (ހަތް ހާސް) ރުފިޔާއަށް ބޮޑުކުރުމަށް ނިންމައިފި އެވެ. މިގޮތަށް ނިންމާފައިވަނީ ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުންނެވެ.
މި ބަދަލު އައުމުގެ ކުރިން، ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް މަހަކު ދެމުން އައީ 5،000 (ފަސް ހާސް) ރުފިޔާ އެވެ. އަދި އޮފިޝަލުންނަށް ދިނުން އައީ 2،500 (ދެ ހާސް ފަސްސަތޭކަ) ރުފިޔާ އެވެ. މި ބަދަލާއެކު، ކުޅުންތެރިންނާއި އޮފިޝަލުންނަށް ލިބޭ އާމްދަނީގައި އެއްގޮތްކަމެއް އަންނާނެ އެވެ.
ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން ނިންމާފައިވާ ގޮތުގައި، މި އިނާޔަތް 7،000 ރުފިޔާއަށް ބޮޑުކުރެވިފައިވަނީ މިއަހަރުގެ މެއި މަހުން ފެށިގެންނެވެ. ނަމަވެސް، މެއި މަހާއި ޖޫން މަހުގެ އިނާޔަތް ކުރީގެ އަދަދުން ކުޅުންތެރިންނާއި އޮފިޝަލުންނަށް ޖަމާކޮށްފައިވާތީ، އިތުރަށް ދޭން ޖެހޭ އަދަދު މިމަހުގެ ނިޔަލަށް ދިނުމަށް ވަނީ ހަމަޖައްސާފަ އެވެ.
މިކަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕޭންގައި، ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ ހާލަތު ރަނގަޅުކުރުމަށް ވެވަޑައިގެންނެވި ވައުދެކެވެ. މި ނިންމުމާއެކު، ރައީސް މުއިއްޒުގެ ވައުދެއް ވަނީ ފުއްދިފަ އެވެ. މިކަމުގެ ސަބަބުން ގައުމީ ކުޅިވަރުގެ ދާއިރާއަށް އިތުރު ހިތްވަރެއް ލިބި، އެތުލީޓުންނާއި އޮފިޝަލުންގެ މެދުގައި އުފާވެރިކަން އިތުރުވެގެންދާނެ ކަމަށް ބެލެވެ އެވެ





