އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަވެރި ލިވަޕޫލް އާއި މެންޗެސްޓާ ޔުނައިޓެޑް ރޭ ކުޅުން މެޗުގައި ރާއްޖޭގެ ބްރޭންޑިން ދައްކާލައިފިއެވެ.
އެންފީލްޑްގައި ޔުނައިޓެޑުން ލިވަޕޫލް ބައްދަލު ކުރި މެޗުގައި ރާއްޖޭގެ ބްރޭންޑިން ދައްކާލީ ލިވަޕޫލްއާއެކު ވެވުނު ޑެސްޓިނޭޝަން ޕާޓްނާޝިޕްގެ ދަށުނެވެ.
އިނގިރޭސި، އަރަބި، ޖަޕަނީސް، ޗައިނީސް، ފްރެންޗް، ޖާމަން، ރަޝިއަން، އިޓަލިއަން، ކޮރެއަން، އަދި ދިވެހި ބަސް ހިމެނޭހެން ޖުމްލަ 10ބަހަކުން ވިޒިޓް މޯލްޑިވްސްގެ ބްރޭންޑިން އެންފީލްޑްގެ އެލްއީޑީ ބޯޑުތަކާއި ޑިޖިޓަލް ސްކްރީންތަކުގައި ރޭ ދައްކާލާފައިވާ ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުނެއެވެ.
ވިޒިޓް މޯލްޑިވްސް އިން ބުނީ މިއީ ގިނަ ބަޔަކު އެއްވަގުތެއްގައި ބަލާ ކުޅިވަރު މައިދާނެއްގައި ރާއްޖޭގެ ބްރޭންޑިން އެ ގޮތަށް ދައްކާލެވުން ފުރަތަމަ ފަހަރު ކަމަށެވެ.

ރާއްޖޭގެ ބްރޭންޑިން 10ބަހަކުން ދައްކާލި އެ މެޗުގައި ލިވަޕޫލުން 2-1އިން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން ވަނީ އުއްމީދު އާކޮށްފައެވެ.
އެ މެޗުގައި ފުރަތަމަ ގޯލު ޖެހީ މެޗުގެ 2 ވަނަ މިނިޓްގައި ޔުނައިޓެޑްގެ އެމްބުއެމޯއެވެ. އެއަށް ފަހު ލިވަޕޫލަށް ނަތީޖާ ހަމަހަމަކޮށް ދިނީ 78 ވަނަ މިނިޓްގައި ކޯޑީ ގަޕޯއެވެ. އޭގެ 6 މިނިޓް ފަހުން ޔުނައިޓެޑް މޮޅުކޮށްދިން ލަނޑު ޖެހީ ޑިފެންޑަރު ހެރީ މެގުއާއެވެ.
މި މޮޅާ ޔުނައިޓެޑް ވަނީ 8 މެޗުން 13 ޕޮއިންޓާއެކު ޓޭބަލުގެ 9 ވަނައަށް ކުރިއަށް ވަނީ ޖެހިލައިފައެވެ. އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ވަނީ 15 ޕޮއިންޓާއެކު 3 ވަނައަށް ވެއްޓިފައެވެ.
ރާއްޖޭގެ ބްރޭންޑިން 10ބަހަކުން ދައްކާލި އެ މެޗަކީ 400 ދުވަހުގެ ތެރޭގައި އަމިއްލަ ދަނޑުގައި ޔުނައިޓެޑް އަތުން ލިވަޕޫލް ބަލިވި ފުރަތަމަ މެޗަށް ވެގެން ދިޔަ އިރު މިއީ މި ސީޒަނުގައި ވިދިވިދިގެން ލިވަޕޫލް ބަލިވި 4 ވަނަ މެޗް ވެސް މެއެވެ.





