ދިވެހިން ހުހަށް ކައި އުޅޭ މުރާތްކަކީ ހުތް ފޮނި ރަހައެއް ދޭ މީރު މޭވައެކެވެ. ބޭރު ގައުމުތަކުގައި ސެލަޑް ތައްޔާރުކުރުމުގައި ބޭނުންކުރާ މުރާކި ދިވެހި ބޭސްވެރިކަމުގައި ބޭނުން ކުރާ ކަމަށް ވެއެވެ. މުރާކީގެ ތަފާތު ވައްތަރުތައް ހުންނަކަން ފާހަގަ ކުރެވެއެވެ. މިީ ރާއްޖޭގައި ހާއްސަ ސަމާލުކަމެއްދީގެން ހައްދާއުޅޭ މޭވާއަކަށް ނުވި ނަމަވެސް ސިއްހީ ގޮތުން ބަލާ ނަމަ މުރާތްކަކީ ހަށިގަނޑަށް ވަރަށް ފައިދާ ހުރި މޭވާއެކެވެ.
އެހެންކަމުން މުރާކިން ލިބޭ ސިއްހީ ބައެއް ފައިދާތަކަށް ބަލާލާނަމެވެ.
މުރާކީގައި ޕޮޓޭސިއަމް އެކުލެވޭ އިރު ހަށިގަނޑުގައި ފެން ދައުރުކޮށްދިނުމަށް އެހީވެދެ މޭވާއެކެވެ. މުރާކީގައި ހިމެނޭ ޒިންކުގެ ސަބަބުން ދިފާއީ ނިޒާމު ވަރުގަދަކޮށްދެއެވެ. އޭގެ އިތުރުން ކަށިތަކަށް ކެލްސިއަމް ލިއްބައިދެއެވެ. އަދި ދަގަނޑުގެބައި ހުރުމުގެ ސަބަބުން އެނީމިއާއިން ދުރުކޮށް މެގްނީޒިއަމްގެ ސަބަބުން އެންޒައިމްސް އުފައްދައިދިނުމަށް މުރާކި މުހިންމު ދައުރެއް އަދާ ކުރެއެވެ.
މުރާތްކަކީ ސަރުބީ މަދުން ހުންނަ މޭވާ އަކަށް ވުމުން ބަރުދަން ލުއިކުރުމަށް ވެސް އެހީވެއެވެ. މުރާތްކަކީ ސަރުބީމަދު، ސޯޑިއަމް ނުހުންނަ މޭވާއަކަށްވުމުން މިއީ ހަށިގަނޑަށް ފައިދާ ހުރި މޭވާއެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.
މުރާތްކަކީ ލޭމައްޗަށް ދިއުމާއި ހަކުރު ބައްޔާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ލިބިފައިވާ މޭވާއެއް ކަމަށް ދިރާސާތަކުން ހޯދިފައިވެއެވެ. މި މޭވާގައި ’ވިތެނޮލައިޑްސް‘ ކިޔާ މާއްދާއެއް ހިމެނޭ މޭވާއެއް ކަމުން ކެންސަރާއި ދެކޮޅަށް މަސައްކަތްކުރެއެވެ. ’މިލެޓޯނިން‘ ނަމަކަށް ކިޔާ މާއްދާއެއް ހިމެނޭތީ އުމުރުން ދުވަސްވުމުން ދިމާވާ ބައެއް މައްސަލަތަކަށް މުރާކި ކެއުމުން ލުއި ލިބެއެވެ.
ކަރުތެރެ އަދި ޕްރޮސްޓޭޓް ގްލޭންޑްގެ މައްސަލަތަކުގެ ފަރުވާއަށް މުރާކި ބޭނުންކުރާ ކަމަށްވެއެވެ. ހަކަތައާއި ބުންވަރު އިތުރުކޮށްދޭ މުރާކި ކެއުމުގައި ބޭނުންކުރާ އިރު ވިސްނާލަންވީ އެންމެ މުހިއްމު ކަމަކީ ދޮންނުވާ މުރާކި ނުކެއުމެވެ. ދޮންނުވާ މުރާކީގައި ވިހަ މާއްދާއެއް ހުންނަ ކަމަށްވެއެވެ.
ނޯޓް: ތަންތަން ދުޅަވުމާއި ރިހުމާއި ހަމުގައި ހުންނަ ފާރު ރަނގަޅު ކުރުމަށް މުރާކި ފަތް ބޭނުން ކުރާ ކަމަށް ވެއެވެ.





