ކްލަބް މޯލްޑިވްސް ކަޕް 2025ގެ ފައިނަލަށް ރޯޑް ރެކްރިއޭޝަން ކުލަބާއި އެސްޓީއޯ ރެކްރިއޭޝަން ކުލަބު ދަތުރުކޮށްފިއެވެ.
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ އެ މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ރޭ ކުޅުނު އިރު ފައިނަލްގެ ޖާގައެއް އާރްއާރްސީން ހޯދީ ސެމީ ފައިނަލް ފުރަތަމަ މެޗުގައި މޯލްޑިވިއަން އަތުން 9-3 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.
އެ މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ އާރްއާރްސީންނެވެ. މެޗު ފަށައި 4 ވަނަ މިނެޓުގައި އެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އާދަމް ނާސިހެވެ. އެކަމަކު އޭގެ މިނެޓެއް ފަހުން މޯލްޑިވިއަންއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އެ ލަނޑަކީ އަރިމަތިން ހުސެއިން މައިޝާން ފޮނުވާލި ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި އާރްއާރްސީގެ އިބްރާހީމް އަސްވަދު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
އެ މެޗުގައި އާރްއާރްސީން 2 ވަނަ ފަހަރަށް ލީޑު ނަގާފައި ވަނީ ފުރަތަމަ ހާފު ނިމެން 5 މިނެޓަށްވެފައި ވަނިކޮށެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށް ދިނީ މޮހްސެން މޮންތަޒޭމީއެވެ. އަދި 2 ވަނަ ހާފު ފަށައިގެން 2 ވަނަ މިނެޓުގައި އާރްއާރްސީން ވަނީ ލީޑު ފުޅާކޮށްފައެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށް ދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން އާދަމް ނާސިހެވެ.
އެ މެޗުގައި އާރްއާރްސީގެ 4 ވަނަ ލަނޑު 2 ވަނަ ހާފުގެ 7 ވަނަ މިނެޓުގައި ޝަނާން ރަޝާދު ދިން ބޯޅައަކުން ކާމިޔާބުކޮށް ދިނީ އަލީ ޝާމިސްއެވެ. އޭގެ މިނެޓެއް ފަހުން އަޙްމަދު އަފްލާޒް އާރްއާރްސީގެ 5 ވަނަ ލަނޑު ޖަހައިދިން އިރު ޝާމިސް ވަނީ ގާތްގާތުގައި ކާމިޔާބު ކުރި އިތުރު 2 ލަނޑާއެކު އެ މެޗުގައި ހެޓްރިކް ފުރިހަމަކޮށްފައެވެ.
އެ މެޗުގައި މޯލްޑިވިއަންއިން ކާމިޔާބުކުރި 2 ވަނަ ލަނޑު 2 ވަނަ ހާފުގެ 11 ވަނަ މިނެޓުގައި ޖަހައިދިނީ މައިޝާންއެވެ. އަދި މެޗު ނިމެން 4 މިނެޓަށް ވެފައި ވަނިކޮށް އަޙްމަދު އަޒްމީން ވަނީ މޯލްޑިވިއަންގެ 3 ވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން އާދަމް ނާސިހު ވަނީ އަނެއްކާ ވެސް އާރްއާރްސީއަށް އިތުރު ލަނޑެއް ޖަހައިދީފައެވެ. އަދި މެޗު ނިމެން 6 ސިކުންތައް ވެފައި ވަނިކޮށް އާދަމް ނާސިހު ވަނީ އާރްއާރްސީގެ 4 ވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.
އެ މުބާރާތުގެ ފައިނަލްގެ ފަހު ޖާގަ އެސްޓީއޯއިން ހޯދީ ރޭ ކުޅުނު ސެމީ ފައިނަލް 2 ވަނަ މެޗުގައި އެމްޕީއެލް އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.
އެ މެޗުގައި 2 ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ އިރު ފުރަތަމަ ހާފުގައި އެސްޓީއޯއިން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 14 ވަނަ މިނެޓުގައި އެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށް ދިނީ އަޙްމަދު ރާހިލް ރަޝީދެވެ. އަދި މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް މުޙައްމަދު އިމްރާން ވަނީ އެސްޓީއޯގެ ލީޑު ފުޅާކޮށްދީފައެވެ.
އެ ނަތީޖާތަކާއެކު އާރްއާރްސީ އާއި އެސްޓީއޯ ކްލަބް މޯލްޑިވްސް ކަޕް 2025ގެ ފައިނަލަށް ދަތުރު ކުރި އިރު ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހުގެރެއެވެ.





