ޕަރސިމަންއަކީ ރާއްޖޭގައި މަދުން ލިބެން ހުންނަ މި މޭވާއަކީ އޮރެންޖް ޓޮމާޓޯގެ ބައްޓަމަށް ހުންނަ ވަރަށް މީރު ފޮނިރަހައެއް ދޭ މޭވާއެކެވެ. ފެންނަ ފެނުމަށް ރީތި އޮފުކަމެއް ހުންނަ މި މޭވާއަކީ ތަފާތު ފޮނިކާތަކެތި ތައްޔާރުކުރުމުގައި ބޭނުންކުރާ މޭވާއެކެވެ.
މި މޭވާއަކީ ސިއްހަތަށް ވެސް ނުހަނު ފައިދާ ހުރި މޭވާއެއް ކަމުން ޕަރސިމަން އިން ލިބޭ ސިއްހީ ފައިދާތަކަށް ބަލާލާނަމެވެ.
ފައިބަރ ގިނައިން އެކުލެވޭ މި މޭވާގެ ސަބަބުން ހަޖަމުގެ މައްސަލަތައް ފަސޭހަވެ ބަނޑު ހަރުވެގެން އުޅެންޖެހޭ ވޭނުން ސަލާމަތްކޮށްދެއެވެ. 1 ޕަރސިމަންގައި 6 ގްރާމްގެ ފައިބަރ ހުރެއެވެ. މި މެވާ އިން ބޮޑުކަމުދިއުމަށް އެހީތެރިވެދީ ބަނޑުހިކުމުން ދުރުކޮށްދެއެވެ. ގަވައިދުން ޕަރސިމަން ކާނަމަ ބަނޑުގެ މައްސަލަތައް ފަސޭހަވެގެންދެއެވެ.
’އިންފްލަމޭޝަން‘ ދަށްކޮށް ދިނުމުގައި ޕަރސިމަންއަކީ އަޖައިބު ކުރުވަނިވި މޭވާއެކެވެ. ’އިންފްލަމޭޝަން’އަކީ އާތްރައިޓިސްއާއި ގުޅިފައި ހުންނަ ކަމަކަށް ވާތީ މި މޭވާ މި ކަމަށް ވެސް އެހީތެރިވެދެއެވެ. ވިޓަމިން ސީ އިން މުއްސަދި މި މޭވާއަކީ ފްރީ ރެޑިކަލްސްއިން އިންސާނާގެ ހަށިގަނޑު ސަލާމަތް ކުރުމަށް އެހީތެރިވެދޭ މޭވާއެކެވެ. އާއްމުކޮށް ހުޅުހުޅުގައި ރިއްސަނީ އާތްރައިޓިސްގެ މައްސަލަ ދިމާވުމުންނެވެ. ޕަރސިމަން ގަވައިދުން ކާނަމަ ހުޅުހުޅުގައި ރިއްސާ މައްސަލަ ހައްލުކޮށްދެއެވެ.
ޕަރސިމަން އަކީ ގިނަ އަދަދަކަށް ވިޓަމިން އޭ ހިމެނޭ މޭވާއެކެވެ. މިވިޓަމިންސްގެ ސަބަބުން ލޮލުގެ ފެނުން ރަނގަޅުކޮށްދިނުމަށް އެހީވެދެއެވެ. ލޮލުގެ ނާރުތަކުގެ ބާރުގަދަކޮށްދީ ލޮލުގެ ފެނުން ގިނަ ދުވަހު ހުރުމަށް އެހީތެރިވެދެއެވެ. މި މޭވާއަކީ ލޮލަށް ޖެހޭ ބައެއް ބަލިތަކުގެ ތެރޭ ހިމެނޭ ’ގުލުކޯމާ‘ އަދި ’ނައިޓްބްލައިންޑްނަސް‘ ފަދަ ނުރައްކާތެރި ބަލިތަކަށް ހުށަހެޅުމުގެ ފުރުސަތު ކުޑަކޮށްދޭ މޭވާއެކެވެ.
އުމުރުން ދުވަސްވުމުން ލޮލުގެ ފެނުމަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމަކަށްވާ އިރު މި މޭވާއިން އެ އަންނަ ބަދަލު ކުޑަކޮށްދީ ލޮލުގެ ފެނުން ރަނގަޅުކޮށް ދިނުމަށް އެހީވެދެއެވެ.





