”ޖެނެރޭޝަން ބޭން“ އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތާރީހީ އަދި ހިއްވަރުގަދަ ނިއްމުމެއް ކަމަށް އިގްތިސޯދާއި ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު އެ ފަދައިން ވިދާޅުވީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އެޅި އެންމެ ވަރުގަދަ ފިޔަވަޅު ކަމުގައިވާ ”ޖެނެރޭޝަން ބޭން“ ތަންފީޒު ކުރަން ފެށުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓުގައި ސައީދު ވިދާޅުވީ ރައީސް މުއިއްޒުގެ އެ ތާރީހީ އަދި ހިއްވަރުގަދަ ނިއްމުމަށް ހޫނުމަރުޙަބާއެއް ދަންނަވާ ކަމަށާއި އެކަމުގެ ސަބަބުން ގައުމަށް ސިއްހީ ގޮތުން ދުޅަހެޔޮ ޖީލެއް ލިބިފައިވުމަކީ ގައުމެއްގެ އުފެއްދުންތެރިކަން އިތުރުވެ ތަރައްގީގެ ގޮތުން ކުރިއަރާދިއުމަށް ލިބިގެންދާ ފަހި ފުރުސަތެއް ކަމަށެވެ.
”ރައްޔިތުން އިންތިހާބުކުރާ ވެރީންނަކީ ދުރައްވިސްނާ، އާންމު މަންފާ އިސްކޮށް، ގައުމީ މަސްލަހަތު ކުރިއަށް ނެރޭ ބަޔަކަށް ވާންވާނެ. އިޖުތިމާއީ އެފަދަ އެތައްކަމަކަށް އިސްލާހީ ފިޔަވަޅު އަޅުއްވަމުން ގައުމު ބިނާކުރުމަށް ރައީސް ޑރ.މުއިއްޒު ކުރައްވާ ގައުމީ މަސައްކަތްޕުޅުގައި ކާމިޔާބު މިންވަރުކުރައްވާށި.“ ސައީދު ސައީދު ވިދާޅުވިއެވެ.
މިއަދުން ފެށިގެން ރާއްޖޭގައި ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ ތަންފީޒުކުރަން ފެށުމާއެކު 2007 ވަނަ އަހަރުގެ ނޮވެންބަރު 1އިން ފެށިގެން އުފަންވެފަވާ އަދި އުފަންވާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާވާނެއެވެ.





