ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ އަކީ ސަރުކާރުގެ ވަރަށް ހިތްވަރުގަދަ ނިންމުމެއް ކަމަށާއި މިއީ މުޖުތަމައުގައި އޮތް ނުރަނގަޅު އާދައަކުން ޖީލެއް ސަލާމަތްކުރުމުގެ ވަރަށް މުހިންމު ފެށުމެއް ކަމަށް ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސާޖިދާ ވިދާޅުވީ ސަރުކާރުގެ މި ނިންމެވުމަކީ ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް ނިންމެވި ވަރަށް ތާރީހީ ނިންމެވުމެއް ކަމަށެވެ.
ސިއްހީ ދުޅަހެޔޮކަމަށް ވަކާލާތުކުރާ މީހެއްގެ ހައިސިއްޔަތުން ސަރުކާރުގެ މި ނިންމެވުމަށް މަރުހަބާކިޔާ ކަމަށާއި މިއީ ބޮޑެތި ބަލިތަކުން ހުށައެޅުމުގެ ހިރާސްތައް ކުޑަކޮށް ސިއްހަތު ރަނގަޅު ދުޅަހެޔޮ ޖީލެއް ބިނާކުރުމުގެ ވަރަށް މުހިންމު ފެށުމެއް ކަމަށް ސާޖިދާ ވިދާޅުވިއެވެ.
ސާޖިދާ ވިދާޅުވީ މިއީ ވަރަށް ވަރުގަދަ ނިންމެވުމެއް ކަމަށާއި ދިރާސާތަކާއި ތަފާސްހިސާބުތަކުގެ އަލީގައި މިކަން ކުރެވިގެންދިއުމަކީ މީގެ ނަތީޖާ ވަރަށް ރަނގަޅަށް ފެނިގެންދާނެ ކަމެއް ކަމަށެވެ.
މިއީ މުޅި ރާއްޖެ ވެސް އެކަމަށް ފަހުރުވެރިވާފަ ދުވަހެއް ކަމަށް ސާޖިދާ ވަނީ ވިދާޅުވެފައެވެ.
މިއަދުން ފެށިގެން ރާއްޖޭގައި ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ ތަންފީޒުކުރަން ފެށުމާއެކު 2007 ވަނަ އަހަރުގެ ނޮވެންބަރު 1އިން ފެށިގެން އުފަންވެފަވާ އަދި އުފަންވާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާވާނެއެވެ.





