ދުންފަތާ ދެކޮޅަށް ހޭލުންތެރިކުރުމަށް 24 ގަޑިއިރަށް ކުރިއަށްގެންދާ ހާއްސަ ދުވުން ”ނޭޝެނަލް ޓޯޗް ރަން“ގައި މިހާތަނަށް 7000 އަށްވުރެ ގިނަ ފަރާތަކުން ބައިވެރިވެއްޖެއެވެ.
”ނޭޝެނަލް ޓޯޗް ރަން“ އަކީ 1 ނޮވެންބަރުން ފެށިގެން ރާއްޖޭގައި ތަންފީޒުކުރަން ފަށާފައިވާ ”ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ“ އާއި ގުޅުވައިގެން ކުރިއަށްގެންދާ ހާއްސަ ހަރަކާތެކެވެ.
24 ގަޑިއިރަށް ކުރިއަށްގެންދާ ނޭޝަނަލް ޓޯޗް ރަން އިއްޔެ ހަވީރު 16:00 އިން މިއަދު ހަވީރު 16:00 އާއި ހަމައަށް މާލޭ އެކުވެނި ޓްރެކުގައި ކުރިއަށްދާނެއެވެ.
މި ހަރަކާތުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ އެތުލީޓުންނާއި ކުޅިވަރު ކްލަބްތަކާއި އެސޯސިއޭޝަންތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
މި ހަރަކާތުގައި މިހާތަނަށް ޖުމްލަ 7547 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.
ނެޝެނަލް ޓޯޗް ރަންއަކީ ސީއްހީ ވުޒާރާއިން އިސްނަގައިގެން ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ދުނިޔޭގެ ސިއްހަތު ޖަމްއީއްޔާ އަދި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ ހާއްސަ ހަރަކާތެކެވެ.





