އައްޑޫއަށް މިހާރު ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަސައްކަތް ހުއްޓާނުލައި ކުރަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަކައިން ބުނީ އައްޑޫގައި ދެމުންގެންދާ ކަރަންޓުގެ ހިދުމަތަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
މިކަން ހައްލުކުރުމުގެ ގޮތުން ދާދި ފަހުން ފެނަކައިން ވަނީ އައްޑުއަށް 1.6 މެގަވޮޓްގެ ޖަނަރޭޓަރަކާއި 1.8 މެގަވޮޓްގެ 2 ޖަނަރޭޓަރު ގެނެސްފައެވެ. އަދި އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އަހަރެއްހާ ދުވަސް ނަގާނެ ކަމަށް ފެނަކައިން ބުނެއެވެ.
އައްޑޫގެ ސެންޓްރަލް ޕަވާ ސްޓޭޝަންގައި ހިންގާފައި ހުރި އިންޖީނުތަކުގެ ތެރެއިން އިންޖީނަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ލޯޑު މެނޭޖް ކުރުމަށްޓަކައި އައްޑޫގެ އެކި ސަރަހައްދުތަކުން 1 ގަޑިއިރަށް އިއްޔެ މެންދުރުން ފެށިގެން ރެއާ ހަމައަށް ކަރަންޓު ކަނޑާފައިވެއެވެ.
އެ މައްސަލަ ހައްލުކޮށް ފެނަކައިން ވަނީ ރޭ އައްޑޫގެ ހުރިހާ ރަށްތަކަށް ކަރަންޓު ދީފައެވެ.
ރާއްޖޭގެ 2 ވަނައަށް އެންމެ ބޮޑު އާބާދީއެއް އޮންނަ އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލު ނުލިބި ރައްޔިތުން ޝަކުވާ ކުރާތާ މިހާރު އެތައް ދުވަހެއް ވަނީ ވެފައެވެ.





