މަސްތުވާތަކެތީގެ މައްސަލައެއްގައި ލ. ދަނބިދު އާއި ގަމުން 2 މީހަކު ހައްޔަރުކޮށްފިއެވެ.
އެ 2 މީހުންވެސް ހައްޔަރުކޮށްފައި ވަނީ އޮކްޓޫބަރު މަހުގެ 30 ވަަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ، ލ. ގަން، ހުދުފުސް އުމުރުން 60 އަހަރުގެ ޔޫސުފް ނަސީމާއި، ލ. މުންޑޫ، ހީނާވިލާ 55 އަހަރުގެ އަޙުމަދު ޝަފީޤެވެ.
ޔޫސުފް ނަސީމް ހައްޔަރުކޮށްފައި ވަނީ ގަން ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނެއްގައި އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއި، މަސްތުވާތަކެތީގެ ވިޔަފާރިކުރަން ބޭނުންކުރާ ކަމަށް ބެލެވޭ ތަކެތި އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރުމުގެ ތެރޭގައި ފެނިފައިވާތީ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.
އެ ތަކެތީގެ ވަގުތީ ބަރުދަނަކީ، 5.39 ގުރާމެވެ. މި މައްސަލައާއި ގުޅިގެން ޔޫސުފް ނަސީމް ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
އެ މައްސަލާގައި ހައްޔަރުކުރެވުނު އަޙުމަދު ޝަފީޤް ހައްޔަރުކޮށްފައި ވަނީ، ދަނބިދޫ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ.
ފުލުހުން ބުނީ ދަނބިދޫ ބަނދަރު މަތިން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. އެތަކެތީގެ ވަގުތީ ބަރުދަނަކީ، 46.32 ގުރާމެވެ.
އެ މައްސަލައާއި ގުޅިގެން އަޙުމަދު ޝަފީޤުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.





