އަވަށްޓެރި ސްރީލަންކާގެ ޤައުމީ އެއަރލައިން ”ސްރީލަންކަން“ އިން ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ކުރާ ސީދާ ދަތުރުތަކަކީ ދެކުނުގެ ރަށްތަކަށާއި ޚާއްސަކޮށް އައްޑޫ ސިޓީއަށް ވަރަށް މުހިންމު ތާރީޚީ ގުޅުމެއް ކަމަށް އިނަރ މޯލްޑިވްސްގެ ސީއީއޯ އަދި އޭސް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓާރ ފިރާގް ބުނެފިއެވެ.
ފިރާގް އެ ފަދައިން ބުނެފައި ވަނީ ސްރީލަންކަން އިން ގަން އެއަރޕޯޓަށް ސީދާ ދަތުރުތައް ފެށިތާ 9 އަހަރު ފުރުމަށް 30 ދުވަހަށް ގާތްވެފައިވުމާއި ގުޅިގެން މީސްމިޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ފިރާގް ބުނީ ސްރީލަންކަން އެއަރލައިންސް އިން ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ސީދާ ދަތުރުތައް ފެށިތާ 9 އަހަރު ފުރޭ ދުވަހަށް މިހާރު މި ވަނީ 30 ދުވަހަށް ވެފައި ކަމަށެވެ.
މިއީ ދެކުނުގެ ރަށްތަކަށް، ޚާއްސަކޮށް އައްޑޫ ސިޓީއަށް، ވަރަށް މުހިންމު އަދި ތާރީޚީ ގުޅުމެއް ކަމަށާއި 2016 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ ރޫޓަކީ އައްޑޫ ސިޓީން ސްރީލަންކާގެ ކޮލަންބޯއާ އަދި އެއަށްވުރެ ދުރަށް ވެސް ގުޅުވައިދިން ބާރެއް ކަމަށް ފިރާގް ބުނެއެވެ.
އެ ގުޅުމުގެ ސަބަބުން ދެކުނުގެ ރަށްތަކަށް ފަތުރުވެރިކަމާއި ވިޔަފާރިއާއި ބޭސްފަރުވާއަށް ދިއުމުގެ ފުރުސަތުތައް ފުޅާވެ ސަރަޙައްދީ ގުޅުންތައް ވަރުގަދަވެފައިވާ ކަމަށް ވެސް ފިރާގް ބުނެއެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ސްރީލަންކަން އެއަރލައިންސްގެ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލަން ޖެހުނު ނަމަވެސް، ސްރީލަންކަންސް އިން ވަނީ އަލުން އެ ދަތުރުތައް ފަށާފައެވެ.

މި ކަމާއި ގުޅިގެން ފިރާގް ބުނީ މިއީ ދެކުނުގެ ރާއްޖޭގެ ކުރިއެރުމަށް ދެމުންދާ އެއްބާރުލުމުގެ ހެއްކެއް ކަމަށާއި މި ސެގްމެންޓްގެ ފުރިހަމަ ކުރިއެރުން އަދި ހޯދިފައި ނުވި ނަމަވެސް ކުރިއަށް އޮތް އަހަރުތަކުގައި މި ރޫޓު އިތުރަށް ހަރުދަނާވެ، ކުރިއަރައިގެން ދާނެ ކަމުގެ އުންމީދު އޮތް ކަމަށެވެ. އެ ކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާނެކަމުގެ ޔަގީންކަން އެބައޮތް ކަމުގައި ފިރާގް ބުނެފައިވެއެވެ.
ސްރީލަންކަން އެއަރލައިންސް އިން ގަން އެއަރޕޯޓަށް ކުރާ ސީދާ ދަތުރުތަކާއި ގުޅިގެން ބައެއް ފާޑުކިޔުންތައް އަމާޒުވެފައި ހުރި ނަމަވެސް، ޙަޤީޤަތް ދަންނަ ފަރާތްތަކުން އެ ގުޅުން ދެމެހެއްޓުމަށް ކުރެވޭ މަސައްކަތުގެ އަގު ވަޒަން ކުރާނެ ކަމަށް ސްރީލަންކަން އެއަރލައިންސްގެ ރާއްޖޭގެ އެޖެޓް އޭސް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓާރ ފިރާގް ބުނެއެވެ.
ފިރާގް ބުނީ އެއްވެސް ފަރާތަކަށް ނުރުހުންތެރިކަމެއް ނާންނާނެ ގޮތަކަށް ވާހަކަ ދެއްކުމަކީ ބައެއް ފަހަރު ދަތިކަމެއް ނަމަވެސް، މި މުހިންމު މަރުޙަލާ ދިރުވައި އާލާކުރުމަށް އެ ކުންފުނި ވަނީ ކޮމިޓްވެފައި ކަމަށެވެ.
ސްރީލަންކަން އެއަރލައިންސް އިން ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ކުރާ ދަތުރުތައް ކާމިޔާބު ކުރުމަށް އެއްބާރުލުން ދެއްވި ހުރިހާ ބައިވެރިންނަށް، ޚާއްސަކޮށް ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް، ސްރީލަންކަން އެއަރލައިންސްގެ މޯލްޑިވްސްގެ ނަމުގައި ހިތުގެ ފުންމިނުން ފިރާގް ވަނީ ޝުކުރު ދަންނަވަމެވެ.
އައްޑޫ ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ބައިނަލްއަޤްވާމީ ޝެޑިއުލް ދަތުރުތައް ބާވަމުން އަންނަނީ ހަމައެކަނި ސްރީލަންކަން އެއަރލައިންސްއެވެ.





