ނަސްރުގެ ދުވަހަށް ފަރިތަކުރުމުގެ ތެރެއިން މިރޭ މާލޭގައި ބްލޭންކްސް ފަޔާކުރާނެ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
ނޮވެންބަރު 3ގެ ހަނދާނީ ބިނާގައި މިރޭ ދިދަޖެހުމާއި ގާޑް މައުންޓްކުރުމުގެ ފަރިތަކުރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
އެމްއެންޑީއެފުން ވަނީ އެކަމަށް އާންމުން ސަމާލުވުމަށް އެދިފައިވެއެވެ.
ނަސްރުގެ ދުވަހަށް ސިފައިން އަންނަނީ ގިނަ ހަރަކާތްތަކެއް ރާވަމުންނެވެ. އެގޮތުން އެ ދުވަހު ޖުމްހުރީ މައިދާން ސަރަހައްދުގައި ކުރިއަށް ގެންދާ އަސްކަރީ ޑްރިލްތަކަށް މިދިޔަ ދެތިން ދުވަހުގެ ހަވީރާއި ރޭގަނޑު ސިފައިން އަންނަނީ ތައްޔާރުވަމުންނެވެ.
ނަސްރުގެ ދުވަސް ފާހަގަކުރަނީ ދިވެހިންގެ ބަޔަކާއި ސްރީ ލަންކާގެ ތަމަޅަ ޓައިގަރުންގެ ބަޔަކު ރާއްޖޭގެ ވެރިރަށް މާލެ އަށް ނޮވެމްބަރު 3، 1988 ގައި ހިންގި އުދުވާނީ ހަމަލާ އިން ހޯދި ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުންނެވެ. އެ އުދުވާން 19 ދިވެހިން ޝަހީދުވި އެވެ.





