ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް މާ ފިނި ގަދަ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު އެ ފަދައިން ވިދާޅުވީ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ އާ ޓާމިނަލްގެ ފިނިހޫނު މިން މިހާރު ހުރީ 15 ޑިގްރީ ސެލްސިިއަސްގައި ކަމަށާއި ފިނިހޫނުމިން ބަހައްޓަން ވާނީ 20-25 ޑިގްރީ ސެލްސިއަސްއާ ދެމެދު ކަމަށެވެ.
”އެހެންވީމަ މާ ބޮޑަށް ވެސް ފިނިގަދަ. އަދި އެހާ ބޮޑަށް ފިނިގަދަކޮށް ބެހެއްޓުމަކީ އިސްރާފެއް.“ ނަޝީދު ވިދާޅުވިއެވެ.
މި އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ހުޅުވި ވީއައިއޭގެ ޒަމާނީ އާ ޓާމިނަލަކީ އަހަރެއްގެ މައްޗަށް 7 މިލިއަން މީހުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ތަރައްގީކޮށްފައިވާ ތަނެކެވެ.
ވީއައިއޭގެ އާ ފަސިންޖަރު ޓާމިނަލްގައި އެންމެ ޒަމާނީ ބެގޭޖް ސްކޭން ކުރުމުގެ ނިޒާމާއި ހައި ސްޕީޑް ބެގޭޖް ބެލްޓުތަކުގެ އިތުރުން އޭރޯ ބްރިޖް ބޭނުންކުރެވޭނެއެވެ.





