ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓްގެ އާ ފަސިންޖަރު ޓާމިނަލުން ބަންގްލަދޭޝްގެ ބަޖެޓް އެއާރލައިން ”ޔޫއެސް ބަންގްލާ“އަށް ހިދުމަތް ދޭން ފަށައިފިއެވެ.
ވީއައިއޭގެ އާ ޓާމިނަލް 1 އިން ޔޫއެސް ބަންގްލާއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް އެއާރޕޯޓުގައި ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި ޔޫއެސް ބަންގްލާގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި އެ ފްލައިޓުން ދަތުރުކުރި ފަސިންޖަރުންނަށް ހަދިޔާ ދީފައިވެއެވެ.
ވީއައިއޭގެ އާ ޓާމިނަލްގެ އެއިރޯ ބޯޑިން ބްރިޖަށް ކައިރި ކުރި ޔޫއެސް ބަންގްލާގެ ފުރަތަމަ މަތިންދާބޯޓު، ބީއެސް 337 އަށް މަރުހަބާ ކިއުމުގެ ގޮތުން އެ ފްލައިޓަށް ހާއްސަ ވޯޓާރ ސެލިއުޓެއް އެމްއޭސީއެލުން ވަނީ އަރުވާފައެވެ.
އެމްއޭސީއެލުން ވަނީ އެ ފުލައިޓުން ރާއްޖެ އައި ފަސިންޖަރުންނަށް ސަގާފީ ހަރަކާތްތަކާއެކު ހަދިޔާ ދީ މަލުގެ ހޫނު މަރުހަބާއެއް ކިޔައިފައެވެ.
ވީއައިއޭގެ އާ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި 20 ވަނަ އެއާލައިން ޔޫއެސް ބަންގްލާގެ ދަތުރުތައް ރާއްޖެއަށް ފަށާފައި ވަނީ 2021 ވަނަ އަހަރުގެ ނޮވެންބަރު މަހެވެ. މި އެއާލައިނުން ރާއްޖެއަށް އޮޕަރޭޓް ކުރަނީ 164 މީހުންގެ ޖާގައިގެ ބޮއިންގ 800-737 މަރުކާގެ ބޯޓުތަކެވެ.





