މިއަހަރުގެ 3 ވަނަ ކުއާޓަރުގައި ދިރާގަށް 713 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އެކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދިރާގަށް ލިބުނު އާމްދަނީއާ އަޅާބަލާ އިރު 3.2 އިންސައްތައިގެ ކުރިއެރުމެކެވެ.
ދިރާގުން އާމްދަނީ ހޯދަނީ، މައިގަނޑު 2 ދާއިރާއަކުންނެވެ. އެއީ، މޯބައިލް ހިދުމަތްތަކާއި ފިކްސްޑް ލައިން ބްރޯޑް ބޭންޑް އިންޓަނެޓާއި އެންޓަޕްރައިޒް ވިޔަފާރިތައް މެދުވެރިކޮށެވެ.
ދިރާގުން އާއްމުކޮށްފައިވާ 2025ވަނަ އަހަރުގެ 3 ވަނަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން މޯބައިލް ހިދުމަތްތައް ފޯރުކޮށްދީގެން އެކުންފުންޏަށް ވަނީ، 374 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ.
މިއީ ދިޔަ އަހަރުގެ މި މުއްދަތުގައި މޯބައިލް ހިދުމަތްތައް ފޯރުކޮށްދީގެން ދިރާގަށް ލިބިފައި ވަނީ، 363 މިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ 3 އިންސައްތައިގެ ކުރިއެރުމެކެވެ.
މޯބައިލް ހިދުމަތްތަކުން ލިބުނު އާމްދަނީ އިތުރުވެފައިވީ ނަމަވެސް ފިކްސް ބްރޯޑްބޭންޑު ހިދުމަތުން ލިބުނު އާމްދަނީ ވަނީ ދަށްވެފައެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ 3 ވަނަ ކުއާޓަރުގައި ފިކްސްޑު ބްރޯޑްބޭންޑު ޚިދުމަތްތަކުން 303 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.
މިއީ މިދިޔަ އަހަރުގެ 3 ވަނަ ކުއާޓަރުގައި ފިކްސް ބްރޯޑްބޭންޑް އާމްދަނީގެ ގޮތުގައި ދިރާގަށް ލިބުނު 306 މިލިޔަން ރުފިޔާގެ އާމްދަނީއާއި އަޅާބަލާ އިރު 0.9 އިންސައްތަ ދަށް އަދަދެކެވެ.
މިއާއެކު މި އަހަރުގެ 3 ވަނަ ކުއާޓަރުގައި ދިރާގަށް ވަނީ 713 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ 3 ވަނަ ކުއާޓަރުގައި އާމްދަނީއަށް ލިބުނު 691 މިލިޔަން ރުފިޔާއާއި އަޅާބަލާ އިރު 3.2 އިންސައްތައިގެ ކުރިއެރުމެކެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ 3 ވަނަ ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި ދިރާގަށް ވަނީ 268 މިލިޔަން ރުފިޔާ ލިބިފައެވެ. މި އަދަދަކީ، މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރިން އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނު 282 މިލިޔަން ރުފިޔާއާއި އަޅާބަލާ އިރު 4.9 އިންސައްތަ ދަށް އަދަދެކެވެ.
ޓެކުހަށް ކެނޑުމުގެ ކުރިން ދިރާގަށް ސާފު ފައިދާގެ ގޮތުގައި ލިބުނު އަދަދު ދަށްވެފައިވާ އިރު ޓެކުހަށް ކެނޑުމަށް ފަހު އެކުންފުންޏަށް ލިބުނު ސާފު ފައިދާ ވެސް ވަނީ ދަށްވެފައެވެ.
އެގޮތުން މި އަހަރުގެ 3 ވަނަ ކުއާޓަރުުގައި ސާފު ފައިދާގެ ގޮތުގައި ދިރާގަށް 230 މިލިޔަން ރުފިޔާ ލިބިފައިވާ އިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދިރާގަަށް ސާފު ފައިދާގެ ގޮތުގައި ލިބުނު 241 މިލިޔަން ރުފިޔާއާއި އަޅާބަލާ އިރު 4.5 އިންސައްތަ ދަށް އަދަދެކެވެ.





