ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ، ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމަށް ނޮވެންބަރު 3ގެ ޝަރަފުގެ ހާއްސަ އައްޑަނަ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަރުވައިފިއެވެ.
ނޮވެންބަރު 3ގެ ޝަރަފުގެ ހާއްސަ އައްޑަނައަކީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުގެ އުދުވާނީ ހަމަލާގައި އޭރުގެ ރައީސް މައުމޫނަށް ކުރެއްވި ތައުރީފު ހައްޤު މަސައްކަތްޕުޅުތައް ފާހަގަކޮށް، އެ ދުވަހު ޤައުމަށް ކޮށްދެއްވި ހިދުމަތުގެ އަގު ޤައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުން އެރުވުނު އައްޑަނައެކެވެ.
ރައީސް މަޢުމޫނަށް އައްޑަނަ އެރުވީ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
ނިރުބަވެރިންނާއި ދެކޮޅަށް ކުރި ހަނގުރާމަ ކާމިޔާބު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާގެ މަޤާމުގައި ހުންނަވައިގެން ރައީސް މަޢުމޫން ދެއްވި އިރުޝާދާއި ކުރައްވާފައިވާ އަގުހުރި ހިދުމަތް ފާހަގަކޮށްލެވެއެވެ.
ރައީސް މަޢުމޫން ދުޝްމަނުންގެ އުދުވާނީ ހަމަލާ ނާކާމިޔާބުކޮށްލުމަށް ހިކުމަތްތެރިކަމާއި ވިސްނުންތެރިކަމާއެކު އެޅުއްވި މުހިންމު ފިޔަވަޅުތައް ފާހަގަކޮށްލެވެއެވެ.
ނަޞްރުގެ ދުވަހަކީ، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ބޭރުގެ ނިރުބަވެރި ބަޔަކު ދިން އުދުވާނީ ހަމަލާގައި ރާއްޖެއަށް ނަޞްރު ލިބުނު ދުވަހެވެ.





