ޤައުމުގެ މިނިވަންކަން ދިފާޢު ކުރެވޭ ފަދަ އަސްކަރިއްޔާއަކަށް ދިވެހި އަސްކަރިއްޔާ ހެދުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ވަޒީރު ޣައްސާން އެފަދައިން ވިދާޅުވީ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ޣައްސާން ވިދާޅުވީ މިދިޔަ 15 އަހަރު ދުވަހު ވަޠަނުގެ ދިފާޢަށް ގޮވާލަމުން ދިޔަ ގޮވާލުމަށް އަޅާނުވެލި އޮތުމަށްފަހު އަދުގެ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތީން ޤައުމުގެ މިނިވަންކަން ދިފާޢު ކުރެވޭފަދަ އަސްކަރިއްޔާއަކަށް ދިވެހި އަސްކަރިއްޔާ ހެދުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ.
”ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލުގެ ހިމާޔަތުގައި ފަލަ ރަތްރޮނގެއް ދަންމަވާ ވަށާޖެހޭ ދުރުވިސްނޭ އަސްކަރީ ސިޔާސަތެއްގެ ދަށުން ރާއްވަވާ އެފަލަ ރަތްރޮނގު ހިމާޔަތް ކުރެވޭފަދަ ޒަމާނީ އަސްކަރިއްޔާއަކަށް އަޅުގަނޑުމެންގެ ދިފާޢީ ބާރު، ބަދަލު ކުރައްވަން ފައްޓަވާ ރެއާއި ދުވާލު އެމަސައްކަތުގައި ޝާމިލްވެ ހޯއްދަވާ ގިނަގުނަ ކާމިޔާބީތަކަށް ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާއާއި ޝުކުރު ދަންނަވަން. “ ޣައްސާން ވިދާޅުވިއެވެ.
ޣައްސާން ވިދާޅުވީ މިވޭތުވެ ދިޔަ ދެއަހަރެއްހާ ދުވަހު ދިވެހި އަސްކަރީއްޔާއިން ގިނަ ލަނޑުދަނޑިތަކެއް ހާސިލްކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ވެސް މިދިޔަ އަހަރު ނަޞްރުގެ ދުވަހުން ފެށިގެން މިއަހަރުގެ ނަޞްރުގެ ދުވަހާއި ހަމައަށް ހާސިލްކުރެވިފައިވާ ކާމިޔާބީތައް ފާހަގަކުރެއްވިއެވެ.
މިދިޔަ އަހަރުގެ ނަޞްރުގެ ދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމު ފަށައި މި އަހަރުގެ ޖަލްސާގައި އެޕްރޮގްރާމުގެ ދަރިވަރުން ބައިވެރިވަމުންދާކަން ޣައްސާން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އެމްއެންޑީއެފް މެރީންކޯގެ ޤާބިލީއްޔަތުކަން އިތުރުކުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރެއްވި މަސައްކަތަކާއި ކޯސްޓް ގާޑުގެ ޤާބިލިއްޔަތުކަން ދެގުނަ ކުރެއްވުމަށް ރައީސް އިއުލާންކުރެއްވި މަސައްކަތްތައް ވެސް ކާމިޔާބުވަމުންދާ ކަމަށް ޣައްސާން ވިދާޅުވިއެވެ.
ޝަހީދުވި އަބްޠާލުންގެ ހަނދާން ނައްތާނުލާ ޤައުމަށް ކުޅަދާނަވީ މިންވަރަކުން، ޝަހީދުންގެ އަޢިލާތަކަށް އިނާޔަތް ދިނުމުގެ މަސައްކަތް މިހާރު ފެށިފައިވާކަން ޣައްސާން ވަނީ ފާހާގަކުރެއްވިއެވެ.
ޤައުމަށް ވަފާތެރި ޖީލެއް ބިނާކުރުމުގެ މަޤްޞަދުގައި ފައްޓަވާފައިވާ ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ބައިވެރިންނަށް، ޝަހީދުވި އަބްޠާލުންގެ ޚިދުމަތާއި މެދު ވިސްނަވައި މިއަދު އެބައިވެރިން ހަވާލުވި ޒިންމާގެ ބޮޑުކަން ދެނެގަތުމަށް ޣައްސާން އިލްތިމާސްކުރައްވާފައެވެ.
”ތިޔަ ހަވާލުވަނީ ކޮންޒިންމާއަކާއިކަން އަބްޠާލުންގެ ކުރައްވާފައިވާ ޚިދުމަތުގެ އަލީގައި ވިސްނަވަން ފައްޓަވަން އެންމެ މުނާސަބު އެއް ދުވަސް. ﷲ އިރާދަ ކުރެއްވިއްޔާ ތިކުދިންވާނީ ތިކުދިންގެ ދަރީންގެ ދަރީންނަށް ޤައުމު މިނިވަންކަމާއި އެކު ވާސިލްކޮށްދެވޭނެ ޖީލަކަށް.“ ޣައްސާން ވިދާޅުވިއެވެ.
ޣައްސާންގެ ވާހަކަފުޅު ނިންމަވާލެއްވީ މި އަހަރު ނަޞްރުގެ ދުވަސް ފާހަގަކުރަމުންދާއިރު ދިވެހި އަސްކަރީއްޔާއިން ހޯދާފައިވާ ކުރިއެރުންތަކާއިމެދު ފަޚުރުވެރިވާން ޖެހޭ ކަމަށް ވިދާޅުވަމުންނެވެ.





