އިނގިރޭސިވިލާތުގައި ރާއްޖެ އިޝްތިހާރުކުރުމަށް ސެންޓްރަލް ލަންޑަން ސަރަހައްދުގައި ހާއްސަ ޓެކްސީ އެޑްވަޓައިޒިން ކެމްޕޭނެއް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ފަށައިފިއެވެ.
މި ކެމްޕޭން ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ ދުނިޔޭގެ އެންމެ ބޮޑު ޓްރެވަލް އެންޑް ޓްރޭޑް ފެއާ ވޯލްޑް ޓްރެވަލް މާކެޓް 2025 ފެށުމާއި ދިމާކޮށެވެ.
އެ ކެމްޕޭނުގެ ދަށުން ޖުމްލަ 100 ޓެކްސީ އުޅަނދުގައި ރާއްޖޭގެ ނަމާއި، ބްރޭންޑިން އަދި މަންޒަރުތައް ފެންނާނެ ގޮތަށް އިޝްތިހާރު ޖަހާނެ ކަމަށާއި އެ ކެމްޕޭނުގެ ބޭނުމަކީ ޑަބްލިއުޓީއެމް ފެއާއަށް ޒިޔާރަތްކުރާ ލަގްޒަރީ މަންޒިލްތަކަށް ލޯބި ކުރާ ފަތުރުވެރިންނާއި ފަތުރުވެރިކަމުގެ ސިނާއަތުގެ ހިއްސާދާރުން އަދި މީޑިއާތަކުގެ ސަމާލުކަން ރާއްޖެއަށް ލިބޭ މިންވަރު އިތުރުކުރަން ކަމަށް ވީއެމްސީން ބުނެއެެވެ.
2 މަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޓެކްސީ އެޑްވަޓައިޒިން ކެމްޕޭނުގެ ސަބަބުން ރާއްޖޭގެ ޗާލުކަން ލަންޑަނުގެ އެންމެ ހަލަބޮލި ސަރަހައްދުތަކުން ފެނިގެން ދާނެއެވެ.
އެ ކެމްޕޭން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ކަނޑިންމަ މޯލްޑިވްސް، ޔުނިވާސަލް ރެސޯޓްސް، ކައިމޫ ރިސޯޓްސް އެންޑް ހޮޓެލްސް އަދި ބެރެނާއީ ކޮއްޓަފަރުގެ އިތުރުން ރިއު އެޓޯލްސް އެންޑް ރިއު ޕެލަސް މޯލްޑިވެސްގެ އެއްބާރުލުމާއެކުގައެވެ.





