ގދ. ގައްދޫގައި 30 އެނދުގެ ޒަމާނީ ހޮސްޕިޓަލެއް އިމާރާތް ކުރުމުގެ މަޝްރޫޢު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ ދަށުން ގައްދޫއަށް ޒަމާނީ ސިއްޙީ ޚިދުމަތްތައް ފުޅާވެ، ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.
މިކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިއަދު ސިއްޙީ ވުޒާރާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ސިއްޙީ ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރ އަޙުމަދު ޤާސިމެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ.
ސިއްޙީ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި، ގައްދޫގައި އިމާރާތް ކުރާ މި 30 އެނދުގެ އައު ހޮސްޕިޓަލާއެކު ސަރވިސް ބިލްޑިންއަކާއި، ދެ ބުރީގެ އެކޮމޮޑޭޝަން ބްލޮކެއްވެސް އިމާރާތް ކުރެވޭނެއެވެ. މީގެ އިތުރުން، މި ހޮސްޕިޓަލުގެ އައު އިމާރާތުގައި އައިސޮލޭޝަން ފެސިލިޓީއާއި، ފްލޫ ކްލިނިކެއްގެ އިތުރުން އެކްސްރޭގެ ޚިދުމަތްތައްވެސް ޤާއިމުކުރާނެއެވެ. ވުޒާރާއިން ވިދާޅުވީ، މިއީ ގައްދޫގެ ރައްޔިތުންނަށް ޒަމާނީ ފެންވަރަށް ތަރައްޤީކުރާ ޖާގަ ތަނަވަސް ހޮސްޕިޓަލް އިމާރާތެއް ކަމަށެވެ.
މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 600 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. 101.7 މިލިޔަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން ހޮސްޕިޓަލް އިމާރާތް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ ދެ ބުރިއަށް ކަމަށް އެމްޓީސީސީން ވަނީ ހާމަކޮށްފައެވެ.
ފާއިތުވި ހަފުތާގައި ސަރުކާރުން ވަނީ ރާއްޖޭގެ އެކި ރަށްރަށުގައި ސިއްޙީ ދާއިރާއިން ގިނަ އަދަދެއްގެ ޢުމްރާނީ ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައެވެ. މީގެ ތެރޭގައި ބައެއް ރަށްރަށުގައި ހުރި ސިއްޙީ މަރުކަޒުތައް އަޕްގްރޭޑް ކުރުމާއި، އައު ސިއްޙީ މަރުކަޒުތައް އިމާރާތް ކުރުމުގެ މަސައްކަތްތައްވެސް ހިމެނެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ރަށްރަށުގެ ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.




