އިނގިރޭސި ޕްރިމިއާ ލީގުގެ މަޝްހޫރު ކްލަބް ޗެލްސީގެ ކޯޗު ކަމަށް، ފްރާންސްގެ ސްޓްރާސްބޯގަށް މީގެ ކުރިން އިރުޝާދު ދެމުން އައި ލިއާން ރޮޒީނިއާ ހަމަޖައްސައިފިއެވެ.
އިނގިރޭސިވިލާތަށް އުފަން، އުމުރުން 41 އަހަރުގެ ރޮޒީނިއާ ޗެލްސީގެ ކޯޗުކަމާ ރަސްމީކޮށް ހަވާލުވީ މި ހިނގާ އަންގާރަ ދުވަހުއެވެ. އޭނާ އެ ކްލަބާއެކު ސޮއިކޮށްފައިވަނީ ފަސް އަހަރާއި ހަ މަސް ދުވަހުގެ ދިގު މުއްދަތުގެ އެއްބަސްވުމެއްގައެވެ. މީގެ އިތުރުން، މި އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، އިތުރު އެއް އަހަރަށް މުއްދަތު އިތުރުކުރުމުގެ އިޚުތިޔާރުވެސް ކްލަބަށް ލިބިގެންވެއެވެ.
ޗެލްސީގެ ކޯޗުގެ މަގާމު ހުސްވީ، އައު އަހަރު ފެށުނު ދުވަހު އެ މަގާމުގައި ހުރި އެންޒޯ މަރެސްކާ ވަކިކުރުމާ ގުޅިގެންނެވެ. މަރެސްކާ ވަކިވުމާއެކު، އެ މަގާމަށް ދެން އަންނާނެ ކަމަށް އެންމެ ބޮޑަށް ބެލެވުނު ކޯޗަކީވެސް ރޮޒީނިއާއެވެ. ޕްރިމިއާ ލީގުގައި ބުދަ ދުވަހު ފުލަމްއާ ދެކޮޅަށް ޗެލްސީ ކުޅޭ މެޗު ބަލާލުމަށް އޭނާ ދަނޑަށް ހާޒިރުވާނެއެވެ. ނަމަވެސް، ރަސްމީކޮށް ޓީމުގެ ފަރިތަކުރުންތަކުގައި އޭނާ އިރުޝާދު ދޭން ފަށާނީ އަންނަ ބުރާސްފަތި ދުވަހުއެވެ.
މި ބޮޑު މަގާމާ ހަވާލުވުމަށްފަހު ރޮޒީނިއާ ބުނީ، ޗެލްސީ ފަދަ ބޮޑު ކްލަބެއްގެ ކޯޗުކަން ލިބުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. ”މިއީ އަހަރެންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް އަދި އެކަމާ ވަރަށް ބޮޑަށް އުފާ ކުރަން. މި މަގާމު އަހަރެންނަށް ދިނުމުގައި ބައިވެރިވި ހުރިހާ ފަރާތަކަށް ޝުކުރުވެރިވަން. އަދި އަހަރެންގެ ހުރިހާވެސް ވިސްނުމަކާއި މަސައްކަތެއް ކުރިއަށް ގެންދާނީ މި ކްލަބަށް ކާމިޔާބީ ހޯދައިދިނުމަށް،“ އޭނާ ބުންޏެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ރޮޒީނިއާ ކުރިން ކޯޗުކޮށްދިން ސްޓްރާސްބޯގަކީވެސް ޗެލްސީގެ ވެރިޔާ ޓޮޑް ބޮއެލީ އާއި ކްލިއަލޭކް ކެޕިޓަލްގެ މިލްކުވެރިކަމުގެ ދަށުގައި އޮންނަ ކްލަބެކެވެ. ރޮޒީނިއާ ޗެލްސީއާ ގުޅުނުއިރު، ސްޓްރާސްބޯގްގައި އޭނާއާއެކު މަސައްކަތްކުރި ކޯޗިން ޓީމުގެ ބައެއް މެންބަރުންވެސް އޭނާއާއެކު ޗެލްސީއަށް ބަދަލުވާނެއެވެ.





