ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ރޭ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި އޮޑި ސްޕޯޓްސް ކުލަބު ބައްދަލުކުރި ފޯރިގަދަ މެޗު 0-0 އިން އެއްވަރުވުމާއެކު، ތާވަލުގެ އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ލީގު ކާމިޔާބުކުރުމުގެ ފުރުސަތު ވަރަށް ބޮޑަށް ތަނަވަސްވެއްޖެއެވެ.
މި ނަތީޖާއާއެކު މާޒިޔާ މިހާރު ވަނީ ތާވަލުގެ ކުރީގައި 8 ޕޮއިންޓުގެ ބޮޑު ލީޑެއް ނަގާފައެވެ. ލީގުގައި ކޮންމެ ޓީމަކަށް ބާކީ 5 މެޗު އޮތްއިރު، މާޒިޔާ އެއްވަނައިގައި އޮތީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ 37 ޕޮއިންޓާއެކުއެވެ. އޮޑި ސްޕޯޓްސް 29 ޕޮއިންޓާއެކު ދެވަނައިގައި އޮތްއިރު، ނިއު ރޭޑިއަންޓް ތިންވަނައިގައި އޮތީ 24 ޕޮއިންޓާއެކުއެވެ.
ލީގުގެ އެހެން ޓީމުތަކަށް ބަލާއިރު، ބުރު ސްޕޯޓްސް ކުލަބު 23 ޕޮއިންޓާއެކު ހަތަރުވަނައިގައި އޮތްއިރު، ވިކްޓަރީ އޮތީ 20 ޕޮއިންޓާއެކު ފަސްވަނައިގައެވެ. ހަވަނައިގައި އޮތް އީގަލްސްއަށް 19 ޕޮއިންޓް ލިބިފައިވާއިރު، ޓީސީ އޮތީ 9 ޕޮއިންޓާއެކު ހަތްވަނައިގައެވެ. ރެލިގޭޝަން ޒޯނުގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، ގްރީން ސްޓްރީޓްސް އާއި ވެލެންސިއާ 8 ޕޮއިންޓާއެކު އަށްވަނަ އަދި ނުވަވަނައިގައި އޮތްއިރު، ތާވަލުގެ ފުލުގައި 7 ޕޮއިންޓާއެކު އޮތީ ޔުނައިޓެޑް ވިކްޓަރީއެވެ.
ރޭގެ މެޗަށް ބަލާއިރު، ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުގެ ކުރީކޮޅު އެޓޭކްތަކެއް އުފެއްދުމަށް ދެ ޓީމުންވެސް މަސައްކަތް ކުރި ނަމަވެސް، ކުރިއަށް ކުޅޭ ކުޅުންތެރިންނަށް ބޯޅަ ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވިއެވެ. މެޗުގެ 17 ވަނަ މިނެޓުގައި ނިއުގެ ހަސަން އަޒޫމް އަލީ ފޮނުވާލި ބޯޅައެއް ބޭނުންކޮށްލަން އެ ޓީމުގެ ކުޅުންތެރިންނަށް ފުރުސަތެއް ނުލިބުނެވެ. އޮޑި ސްޕޯޓްސްއަށް ލަނޑު ޖަހަން ލިބުނު އެންމެ ރަނގަޅު ފުރުސަތަކީ 41 ވަނަ މިނެޓުގައި އެ ޓީމުގެ ބިދޭސީ ފޯވާޑް ކެއަނޫ ބްރައުން ފޮނުވާލި ހަމަލާއެވެ. ނަމަވެސް އެ ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
ދެވަނަ ހާފުގައިވެސް ދެ ޓީމުން ލަނޑެއް ޖެހޭތޯ މަސައްކަތް ކުރިއެވެ. އެގޮތުން 72 ވަނަ މިނެޓުގައި އޮޑީގެ އަހުމަދު އައިހަމް ފޮނުވާލި ހިލޭ ޖެހުން ދިޔައީ ހުރަސްދަނޑި މަތިން ބޭރަށެވެ. އަދި 74 ވަނަ މިނެޓުގައި ނިއުގެ ލައިބީރިއާ މިޑްފީލްޑަރު އަބްދުލްﷲ ބިލިޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ އޮޑީގެ ކީޕަރު ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
މިއީ މި ސީޒަނުގެ ލީގުގައި ނިއު ރޭޑިއަންޓް އެއްވަރުވި ތިންވަނަ މެޗެވެ. ލީގުގެ ފުރަތަމަ ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗު 1-0 އިން ކާމިޔާބުކުރީ އޮޑި ސްޕޯޓްސް ކުލަބެވެ. މި ނަތީޖާއާއެކު ލީގު ތަށި ދިފާއުކުރުމުގެ ފުރުސަތު މާޒިޔާއަށް މިހާރު ވަނީ ވަރަށް ބޮޑަށް ފަހިވެފައެވެ.





