ސްޕެއިންގެ ގަދަބާރު ރެއާލް މެޑްރިޑްގެ ކޯޗުގެ މަގާމުގައި ހުރި ޒަބީ އޮލޮންސޯ އެ މަގާމުން ވަކިވެއްޖެއެވެ. އޮލޮންސޯ މަގާމުން ވަކިވެފައިވަނީ ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލްގައި 3-2 ގެ ނަތީޖާއަކުން ބަލިވެ، ރެއާލްއަށް ތަށި ގެއްލުނުތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައެވެ.
ކުރިން ޖަރުމަނުގެ ބަޔާ ލެވަކޫސަނަށް ކާމިޔާބު އިރުޝާދުތަކެއް ދީފައިވާ އޮލޮންސޯ ރެއާލް މެޑްރިޑާ ގުޅުނީ މިދިޔަ މެއި މަހުގެ ތެރޭގައެވެ. އެއީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާގެ އިރުޝާދުގެ ދަށުން ރެއާލުން ކުޅުނު މެޗުތަކުގެ ތެރެއިން 22 މެޗުން މޮޅުވެފައިވާއިރު، ބަލިވެފައިވަނީ ފަސް މެޗުންނެވެ.
މަގާމުން އޮލޮންސޯ ވަކިވިއިރު، ރެއާލް މެޑްރިޑް މިވަގުތު އޮތީ ސްޕެނިޝް ލީގުގެ ތާވަލުގެ ދެވަނައިގައެވެ. އެއީ އެއްވަނައިގައި އޮތް ބާސެލޯނާއަށްވުރެ ހަތަރު ޕޮއިންޓު ފަހަތުގައެވެ.
އޮލޮންސޯ މަގާމުން ވަކިވުމާ ގުޅިގެން، ރެއާލް މެޑްރިޑުން ވަނީ އެ ކްލަބުގެ ކޯޗުކަން ވަގުތީ ގޮތުން އެ ޓީމުގެ ޔޫތް ޓީމުގެ ކޯޗު އަލްވަރޯ އާބެލޯއާ ހަވާލުކޮށްފައެވެ. ރެއާލުން އާ ކޯޗަކު ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.





