ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކުރިއަށް ގެންދިޔަ ”ގެދޮރުވެރިޔާ“ ސްކީމުގެ ދަށުން އިމާރާތް ކުރި 4،000 ފްލެޓްގެ މަސައްކަތް ނިންމާ ދިވެހި ސަރުކާރާ ރަސްމީކޮށް ހަވާލުކޮށްފި އެވެ.
މި މަޝްރޫއު ނިންމުމަށްފަހު ދިވެހި ސަރުކާރާ ރަސްމީކޮށް ރަމްޒީ ތަޅުދަނޑި ހަވާލު ކުރީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް މިއަދު ފެއްޓެވި ދެ ދުވަހުގެ ދަތުރުފުޅުގައި، މިއަދު ރައީސް އޮފީހުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.
ރައީސް ސޯލިހްގެ ސަރުކާރުން 4،000 ފްލެޓް ލިބޭ މީހުން ކަނޑައަޅާފައި އޮއްވާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ އެ ލިސްޓް މުރާޖައާކޮށް މިދިޔަ އޭޕްރީލް މަހު އާ ލިސްޓެއް ނެރެފަ އެވެ. ނަމަވެސް އާ ލިސްޓަށްވެސް ގިނަ ޝަކުވާތަކެއް ހުށަހަޅާފައި ވަނިކޮށް މިސަރުކާރުން މިހާރު ވަނީ ރައީސް ސޯލިހްގެ ސަރުކާރުން އެކުލަވާލި ލިސްޓްގައި ހިމެނޭ ޝަރުތު ހަމަވާ މީހުންނަށް ފްލެޓް ދޭން ނިންމާފަ އެވެ.
އެފްޑީސީން މިިދިޔަ ހޯމަ ދުވަހު ވަނީ އެ ފްލެޓްތައް ލިބޭ މީހުންނާ އެކު އެއްބަސްވުންތަކުގައި ސޮއިކުރަން ފަށައިފަ އެވެ.
ހުޅުމާލެ 2 ގައި އަޅާފައިވާ 4،000 ފްލެޓަކީ އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 227 މިލިއަން ޑޮލަރު (4.2 ބިލިއަން ރުފިޔާ) ގެ ލޯނު އެހީގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި މަޝްރޫއެކެވެ.
އިންޑިއާގެ އެގްޒިމް ބޭންކުން ކުރިން ދީފައިވާ ލައިން އޮފް ކްރެޑިޓް ފެސިލިޓީ ބޭނުން ކޮށްގެން އިތުރު 4،000 ފްލެޓް އެޅުމުގެ މަޝްރޫއެއް ފަށަން ނިންމާފައިވާ ކަމަށް މި ސަރުކާރުން ވެސް ބުނެފައިވެ އެވެ.





