ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތީގެ ވިޔަފާރިކޮށްގެން ލިބޭ ފައިސާ ލޯންޑާކުރާ ކަމަށް ތުހުމަތުކުރެވޭ ބޮޑު ނެޓްވޯކެއް ފުލުހުން އަތުލައިގަނެފިއެވެ. މި ނެޓްވޯކްގެ މެންބަރުންގެ ބޭންކު އެކައުންޓުތަކުގައި ފާއިތުވި ފަސް އަހަރުގެ ތެރޭގައި 300 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި މައްސަލައާ ގުޅިގެން މާލެ އާއި ގއ. އަތޮޅުގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 10 ތަނެއް ބަލައިފާސްކޮށް، ގއ. ވިލިނގިލީގެ ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރުކުރި މީހުންނަކީ ޝައްފާހު ލަތީފު (28އ)، އަހުމަދު މަދީހް (33އ)، އަހުމަދު އަނާމް އިބްރާހިމް (30އ) އަދި ނޫރުއްނިޒާމް (35އ) އެވެ.
ފުލުހުންގެ ތަހުގީގުން އެނގިފައިވާ ގޮތުގައި، މި ނެޓްވޯކުން 2015 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދެއެވެ. ނަމަވެސް، މި ނެޓްވޯކަށް އަމާޒުކޮށް ހާއްސަ ތަހުގީގެއް ފަށާފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ނެޓްވޯކްގެ މެންބަރުންގެ އެކައުންޓުތަކުގައި 300 މިލިއަނަށް ވުރެ ގިނަ ރުފިޔާ އާއި ހަތަރު ލައްކައަށް ވުރެ ގިނަ ޑޮލަރު ދައުރުކޮށްފައިވާ ކަމަށެވެ. މީގެ ތެރެއިން އެންމެ ތިން މީހެއްގެ އެކައުންޓުން އެކަނިވެސް 62 މިލިއަން ރުފިޔާ ދައުރުވެފައިވާކަން ފާހަގަކުރެވެއެވެ.
މި މައްސަލައިގައި ހިމެނޭ މީހުންގެ އާމްދަނީއާއި އެކައުންޓުތަކުގައި ދައުރުވެފައިވާ ފައިސާއާ ދެމެދު ބޮޑެތި ފަރަގުތަކެއް ހުރިކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން:
- އަހުމަދު މަދީހް: އެކައުންޓުގައި 17 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުވެފައިވާއިރު، އޭނާއަށް މުސާރައިގެ ގޮތުގައި ލިބިފައިވަނީ އެންމެ 430,638 ރުފިޔާއެވެ.
- އަހުމަދު އަނާމް: އެކައުންޓުގައި 38 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުވެފައިވާއިރު، މުސާރައަކީ އެންމެ 271,874 ރުފިޔާއެވެ.
- ޝައްފާޙް ލަތީފު: އެކައުންޓުގައި 6.9 މިލިއަން ރުފިޔާ ދައުރުވެފައިވާއިރު، މުސާރައިގެ ގޮތުގައި ލިބިފައިވަނީ 371,635 ރުފިޔާއެވެ.
މި މައްސަލައިގެ ތަހުގީގަށް ކޯޓު އަމުރެއްގެ ދަށުން މިހާތަނަށް 13 ފަރާތެއްގެ 53 ބޭންކު އެކައުންޓު ވަނީ ފްރީޒްކޮށްފައެވެ. ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި، މި ނެޓްވޯކް އިސްވެ ހިންގާ މީހާގެ އިތުރުން، މަސްތުވާތަކެތި ވިއްކުމާއި މަނީލޯންޑާ ކުރުމުގައި ހަރަކާތްތެރިވާ އިތުރު 19 މީހަކު މިހާރު ވަނީ ދެނެގަނެވިފައެވެ.
ފުލުހުން ދަނީ މި ހުރިހާ އެންމެންގެ މައްސަލަވެސް އިތުރަށް ތަހުގީގު ކުރަމުންނެވެ.





