އައްޑޫ ސިޓީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެތީގެ މައްސަލައެއްގައި ދުވަސްވީ އަންހެނަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީ ފޭދޫ، މުށިކުލާގޭ، އުމުރުން 57 އަހަރުގެ އައިމިނަތު އިބްރާހީމެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން، އައިމިނަތު އިބްރާހީމް ހައްޔަރުކުރީ އޭނާގެ އަތުން ނުވަތަ އޭނާއާ ގުޅުން ހުރި ތަނަކުން، މަސްތުވާތަކެތި ޓްރެފިކް ކުރި ކަމަށް ބެލެވޭ މިންވަރަށް ބަރުދަން ހުރި ތަކެތި ފެނިގެންނެވެ. ނަމަވެސް، އޭނާގެ މައްޗަށް ކުރެވޭ މި ތުހުމަތުތަކަށް އޭނާ އިންކާރު ކުރާކަން ކޯޓު އަމުރުން އެނގެން އޮވެއެވެ.
ކޯޓު އަމުރުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، އައިމިނަތަކީ މީގެ ކުރިން ވެސް ކުށުގެ ރެކޯޑްތަކެއް އޮތް މީހެކެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކުރު މުއްދަތަކަށް ބަންދުކުރަން އަމުރުކޮށްފައިވަނީ އޭނާއަށް ވަކީލެއް ހަމަޖެހިފައި ވީނަމަވެސް، އެ ވަކީލު އަދި ކޯޓަށް ރަސްމީކޮށް އައްޔަންވެފައި ނުވާތީ ކަމަށް ވެސް ކޯޓުން ބުނެފައިވެއެވެ.
ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި އާއި ބޭނުންކުރުން ހުއްޓުވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، ފުލުހުން މިހާރު އަންނަނީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން ”އޮޕަރޭޝަން އަލިމަގު“ ގެ ނަމުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގަމުންނެވެ.





