ށ. މިލަންދޫގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ ތެރެއިން، ފުލުހުންނަށް ފިލަން މަސައްކަތްކުރި ޒުވާނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ށ. މިލަންދޫ، ވެނީލާހައުސް، އަޙްމަދު ޢާލިމް (33އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ.
މި މަހުގެ 13 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، މިލަންދޫ މަގުމަތިން ޢާލިމް ހުއްޓުވަން ފުލުހުން އުޅުމުން އޭނާ ވަނީ ފިލަން ދުވެ، މަސައްކަތް ކޮށްފައެވެ. ނަމަވެސް ފުލުހުން އޭނާ ބަންދުކޮށް، ބަލައިފާސްކުރުމަށްފަހު ވަނީ އިޖުރާއާތުތަކުގެ ތެރެއިން ކުޑަކަމުދާތަކެތި ޓެސްޓުކޮށްފައެވެ. ފުލުހުން ބުނި ގޮތުގައި، އޭނާގެ ކުޑަކަމުދާތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތަކަށް ޕޮޒިޓިވް ވެފައެވެ.
މި މައްސަލައާ ގުޅިގެން އަޙްމަދު ޢާލިމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގެ ސީރިއަސްކަމަށް ބަލައި، 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މިލަންދޫ ޕޮލިސް ސްޓޭޝަނުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ. މަސްތުވާތަކެތީގެ ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އަތޮޅުތެރޭގެ ރަށްރަށުގައި މިފަދަ އޮޕަރޭޝަންތައް ދަނީ މެދުނުކެނޑި ކުރިއަށް ގެންދަމުންނެވެ.





