ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި ދިވެހިރާއްޖެއިން ކުޅުނު ދެވަނަ މެޗުގައި، ބަންގްލަދޭޝް އަތުން 1-6 ގެ ބޮޑު ތަފާތަކުން މޮޅުވެ، މުބާރާތުގެ ތާވަލްގެ އެއްވަނައިގައި ރާއްޖެ ހަމަޖެހިލައިފިއެވެ. ތައިލެންޑުގެ ބެންކޮކްގައި ހުންނަ ހުއާ މާކް ސްޓޭޑިއަމްގައި ކުޅުނު މި މެޗުން ހޯދި މޮޅާއެކު، ރާއްޖެއަށް ވަނީ މުބާރާތުގެ ތަށި އުފުލާލުމުގެ އުންމީދު ވަރަށް ބޮޑަށް އާވެފައެވެ.
މި މުބާރާތަކީ ލީގު އުސޫލުން ކުޅެ، އެންމެ ގިނަ ޕޮއިންޓު ހޯދާ ޓީމަކަށް ޗެމްޕިއަންކަން ލިބޭ މުބާރާތެކެވެ. މިހާތަނަށް ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް، ސައްތަ އިން ސައްތަ ރެކޯޑަކާއެކު ތާވަލްގެ ކުރީގައި އޮތް ހަމައެކަނި ޓީމަކީ ވެސް ރާއްޖެއެވެ.
މެޗު ފަށައިގެން ފުރަތަމަ މިނެޓުގެ ތެރޭގައި ރާއްޖޭގެ ކެޕްޓަން މުޙައްމަދު އިމްރާން (އިންމި) ވަނީ ލަނޑެއް ޖަހައި ޓީމަށް ލީޑު ހޯދައިދީފައެވެ. އޭގެފަހުން މެޗުގެ ނުވަވަނަ މިނެޓުގައި އިޝާން އިބްރާޙީމް (ސައްޓު) ރާއްޖޭގެ ދެވަނަ ލަނޑު ޖަހައިދިންއިރު، ޖެހިގެން އައި މިނެޓުގައި އަޙްމަދު ރާހިލް ރަޝީދު (ރާއްކޮ) ވަނީ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.
ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި ރާއްޖެއަށް ލިބުނު ޕެނަލްޓީއަކުން އަލީ ޝިޔާޙް ވަނީ ހަތަރުވަނަ ލަނޑު ޖަހައިދީފައެވެ. މި ޕެނަލްޓީއަކީ ޝިޔާޙް ފޮނުވާލި ހަމަލާއެއް ގޯލަށް ވަނަނުދޭން ބަންގްލަދޭޝްގެ އިންތިޝާރު މުސްތަފާ ޗޯދުރީ އަތުން ބޯޅައިގައި ޖެހުމުން ލިބުނު ޕެނަލްޓީއެކެވެ. މި ކަމާ ގުޅިގެން އިންތިޝާރަށް ވަނީ ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލައިފައެވެ. ބަންގްލަދޭޝްގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފު ނިމެން ކުޑަވަގުތުކޮޅަކަށް ވެފައި ވަނިކޮށް ޖަހައިދިނީ ޤާޒީ އިބްރާޙީމް އަޙްމަދެވެ.
ދެވަނަ ހާފުގައި ރާއްޖެއިން ކުޅުން އިތުރަށް ވަރުގަދަކުރިއިރު، ހާފުގެ 10 ވަނަ މިނެޓުގައި އަޙްމަދު ރާހިލް ރަޝީދު (ރާއްކޮ) ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ރާއްޖެއަށް ފަސްވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި މެޗުގެ އެންމެ ފަހު މިނެޓުގައި އަބްދުﷲ ޝާފިއު (ޝާއްޕެ) ވަނީ ރާއްޖޭގެ ހަވަނަ ލަނޑު ޖަހައި މެޗުގެ ނަތީޖާ ކަށަވަރުކޮށްދީފައެވެ.
މި މެޗު ކުޅުނު ހުއާ މާކް ސްޓޭޑިއަމަކީ ރާއްޖޭގެ ފުޓްސަލް ތާރީޚުގައި ޚާއްޞަ ތަނެކެވެ. އެއީ 2022 ވަނަ އަހަރުގެ އެންއެސްޑީއެފް ފުޓްސަލް މުބާރާތުގައި މޮންގޯލިއާ ބަލިކޮށް، ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއިން ފުރަތަމަ ފަހަރަށް މޮޅެއް ހޯދި ދަނޑުވެސް މެއެވެ.
މިހާރުގެ ތާވަލަށް ބަލާއިރު، ރާއްޖެ އެއްވަނައިގައި އޮތީ ދެ މެޗުން ހަ ޕޮއިންޓާއެކުގައެވެ. ތިން ޕޮއިންޓާއެކު ނޭޕާލާއި ޕާކިސްތާން ދެވަނަ އަދި ތިންވަނައިގައި އޮތްއިރު، އިންޑިއާ، ސްރީލަންކާ، ބޫޓާން އަދި ބަންގްލަދޭޝް އަށް ލިބިފައިވަނީ އެކެއްގެ މަގުން ޕޮއިންޓެވެ.





