އެފްއޭއެމް ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް އިއްވާފައިވާ ހަތަރު އަހަރުގެ ޖަލު ހުކުމްގެ މައްސަލަ އޭނާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
ބައްސާމްގެ މައްޗަށް މި ހުކުމް އިއްވާފައިވަނީ އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރެ، އެ އިދާރާގެ ފައިސާއަށް ހިޔާނާތްތެރިވިކަން ސާބިތުވުމާ ގުޅިގެންނެވެ. ހައިކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ކްރިމިނަލް ކޯޓުން ކުރި މި ހުކުމް ބައްސާމްގެ ފަރާތުން އިސްތިއުނާފަށް ހުށަހަޅާފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ. ނަމަވެސް، މި މައްސަލަ ބަލައިގަތުމާ މެދު ހައިކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.
އިސްތިއުނާފު ކުރި މި މައްސަލައަކީ، 2018 ވަނަ އަހަރުގެ ޖުލައި އަދި އޮގަސްޓު މަހުގެ ތެރޭގައި ފީފާއިން އެފްއޭއެމްއަށް ފޮނުވި ފައިސާގެ ތެރެއިން 10،000 އެމެރިކާ ޑޮލަރު ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް، އެ ފައިސާ އަމިއްލަ ބޭނުންތަކަށް ބޭނުންކުރި މައްސަލައެވެ. މި މައްސަލައިގައި ހިޔާނާތުގެ ކުށް ސާބިތުވެ ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު، މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމަކާއި 154،000 ރުފިޔާގެ ޖޫރިމަނާއެއް ވެސް އޮތީ ކޮށްފައެވެ.
ބައްސާމް އަދީލް ޖަލީލް މިހާރު އަންނަނީ ތަފާތު ހަތަރު މައްސަލައެއްގައި ޖުމުލަ 32 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. މީގެ ތެރޭގައި މަނީ ލޯންޑްރިންގެ ދެ މައްސަލައަކާއި ހިޔާނާތުގެ ދެ މައްސަލަ ހިމެނެއެވެ.
އޭނާގެ މައްޗަށް އެންމެ ފަހުން އިއްވާފައިވަނީ ދެ މައްސަލައެއްގައި ޖުމުލަ 23 އަހަރުގެ ޖަލު ހުކުމެކެވެ. އެއީ ކޮވިޑް-19 ގެ އެހީގެ ގޮތުގައި ކްލަބުތަކަށް ބެހުމަށް ފީފާއިން ފޮނުވި ފަންޑަށް ހިޔާނާތްތެރިވި މައްސަލައިގައެވެ.
ބައްސާމަކީ 2016 ވަނަ އަހަރުން ފެށިގެން އެފްއޭއެމްގެ ރައީސްކަން ކުރެއްވި ފަރާތެކެވެ. އޭނާގެ މައްޗަށް ކުރެވޭ ހިޔާނާތުގެ ގިނަ ތުހުމަތުތަކަކާ ގުޅިގެން ފުލުހުން ވަނީ ގިނަ ތަހުގީގުތަކެއް ހިންގާފައެވެ.





