ނ. ކުޑަފަރިއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ފުލުހުން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ނ. ކުޑަފަރި، ކެތި، ސަހުލު މުޙައްމަދު (48އ) އެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ސަހުލު ހައްޔަރުކޮށްފައިވަނީ ނ. މާޅެންދޫއިން ކުޑަފަރިއަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަނަކީ ކުޑަފަރި ޕޮލިސް ސްޓޭޝަނާއި މާޅެންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.
މި މަހުގެ 15 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، ސަހުލު ޑިންގީއެއްގައި ކުޑަފަރިއަށް އައުމުން ފުލުހުން ވަނީ އޭނާ ހުއްޓުވައި ބަލައިފާސްކޮށްފައެވެ. އެގޮތުން އޭނާ ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 23 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ސަހުލު މުޙައްމަދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް އެ މުއައްސަސާއިން މައުލޫމާތު ދެއެވެ.





