ބޮލީވުޑްގެ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ”ތެރެ އިޝްގް މޭ“ ގެ ޑައިރެކްޓަރު އާނަންދު އެލް ރާއީގެ އަތުން 84 ކްރޯޑް ރުޕީސް (9.3 މިލިއަން ޑޮލަރު) ގެ ބަދަލެއް ހޯދުމަށް އިރޯސް އިންޓަނޭޝަނަލް އިން ބޮމްބޭ ހައި ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.
މި މައްސަލަ ކޯޓަށް ހުށަހަޅަމުން އިރޯސް އިން ބުނީ، ދަނޫޝް އާއި ކްރިތީ ސެނަން ލީޑް ރޯލު ކުޅުނު ”ތެރެ އިޝްގް މޭ“ އަކީ 2013 ވަނަ އަހަރު އެ ކުންފުންޏާ ގުޅިގެން އާނަންދު ޑައިރެކްޓްކުރި ކާމިޔާބު ފިލްމު ”ރާންޖަނާ“ އާ ގުޅުވައިގެން އޭގެ ”ސްޕިރިޗްއަލް ސީކުއަލް“ އެއްގެ ގޮތުގައި ތައްޔާރުކޮށްފައިވާ ފިލްމެއް ކަމަށެވެ. އަދި ފިލްމު ޕްރޮމޯޓް ކުރުމުގައިވެސް ”ރާންޖަނާ“ ގެ ނަން ބޭނުންކޮށްފައިވާ ކަމަށާއި، މިއީ އެ ކުންފުނީގެ ޓްރެޑްމާކާއި ކޮޕީރައިޓް ހައްގުތަކަށް ”ތެރެ އިޝްގް މޭ“ ގެ ޓީމުން އަރައިގަތުން ކަމަށް އިރޯސް އިން ތުހުމަތު ކުރެއެވެ.
އިރޯސް އިން އިތުރަށް ފާހަގަކުރި ގޮތުގައި، ”ރާންޖަނާ“ އާ ދާދި އެއްކަހަލަ ވާހަކައެއް މި ފިލްމުގައި ކިޔައިދީފައިވާއިރު، ”ވޯލްޑް އޮފް ރާންޖަނާ“ ފަދަ ނަންތަކާއި، ”ރާންޖަނާ“ ގައި ދަނޫޝް ކުޅުނު ކުންދަން ޝަންކަރުގެ ކެރެކްޓާއާ ގުޅުވައިގެން ”ޝަންކަރް ގުރްކުލް“ ފަދަ ނަންތައްވެސް ހުއްދަ ނެތި ބޭނުންކޮށްފައިވެއެވެ. ”ރާންޖަނާ“ އާ ގުޅުންހުރި ހުރިހާ ރައިޓްސްއެއް އޮތީ އެ ކުންފުންޏަށް ކަމަށްވެސް އިރޯސް އިން ބުންޏެވެ.
އާނަންދުގެ ’ކަލަ ޔެލޯ މީޑިއާ އެންޓަޓައިންމަންޓާއި‘ ބުޝަން ކުމާރުގެ ’ޓީ ސީރީޒް‘ ގުޅިގެން 85 ކްރޯޑް ރުޕީސްގެ ބަޖެޓަކުން އުފެއްދި ”ތެރެ އިޝްގް މޭ“ އަކީ ބޮކްސް އޮފީހުގައި 161 ކްރޯޑް ރުޕީސްގެ ބޮޑު އާމްދަނީއެއް ހޯދި ފިލްމެކެވެ. މީގެ ކުރިން ނުކުތް ”ރާންޖަނާ“ އަކީ 36 ކްރޯޑްގެ ބަޖެޓަކުން އުފައްދައި 105 ކްރޯޑް ރުޕީސް ހޯދި ފިލްމެކެވެ.
މި ދެ ފަރާތުގެ މެދުގައި މައްސަލަ ހޫނުވެފައި މިވަނީ، ”ރާންޖަނާ“ ގެ ކްލައިމެކްސް އަށް ބަދަލުތަކެއް ގެނެސް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފެއްދި މަންޒަރުތަކަކާއެކު މިދިޔަ އަހަރު އިރޯސް އިން އެ ފިލްމު އަލުން ސިނަމާތަކަށް ގެނައުމުން، އާނަންދު އެކަމާ ހިތްހަނުޖެހި ފާޑުކިޔާފައިވާ ދަނޑިވަޅެއްގައެވެ.
އާނަންދު އެލް ރާއީ އަކީ ”ތަނޫ ވެޑްސް މަނޫ“ ފަދަ މަގުބޫލު ގިނަ ފިލްމުތަކެއް ބޮލީވުޑަށް ގެނެސްދީފައިވާ ހުނަރުވެރި ޑައިރެކްޓަރެކެވެ.





