އިންޑިއާގެ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ އެކްޓަރު ދަނޫޝް އާއި ބަތަލާ މުރްނާލް ތާކޫރް އަންނަ މަހު ކައިވެނި ކުރާނެ ކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ. މި ދެ ތަރިންގެ ކައިވެނީގެ ވާހަކަ މީޑިއާތަކުގައި ގަދަވެފައި މިވަނީ ދެ މީހުން ސިއްރުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ އަޑުތަކެއް ފެތުރިފައި ވަނިކޮށެވެ.
އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ދެ ތަރިންގެ ކައިވެނި ހަފުލާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ލޯބިވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ. އަންނަ މަހުގެ އެ ތާރީޚުގައި ކައިވެނި ކުރުމަށް މިހާރު ތައްޔާރީތައް ވަމުން އަންނައިރު، މި ހަފުލާއަކީ ވަރަށް އާދައިގެ ގޮތަކަށް، ހަމައެކަނި ދެ ފަރާތުގެ އާއިލާގެ މީހުންނާއި ގާތް ރައްޓެހިންނަށް އެކަނި ދައުވަތު ދީގެން ބާއްވާ ހަފުލާއެއް ކަމަށް މައުލޫމާތު ލިބެއެވެ.
ދަނޫޝް އާއި މުރްނާލް ރައްޓެހިވެގެން އުޅޭކަމުގެ ވާހަކަތައް އެންމެ ފުރަތަމަ ދެކެވެން ފެށީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. ނަމަވެސް، މި ގުޅުމާ ބެހޭގޮތުން ދެ ތަރިންގެ ފަރާތުން މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
އުމުރުން 33 އަހަރުގެ މުރްނާލް ތާކޫރް އަކީ ބޮލީވުޑާއި އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގައި މިހާރު ފާހަގަކޮށްލެވޭ ކާމިޔާބު ބަތަލާއެކެވެ. ދަނޫޝް އަކީ ވެސް ދެކުނު އިންޑިއާގެ ފިލްމުތަކުގެ އިތުރުން ބޮލީވުޑްގައި ވެސް މަގުބޫލު ތަރިއެކެވެ. އެގޮތުން އޭނާ ވަނީ މިދިޔަ އަހަރުގެ ކާމިޔާބު ފިލްމު ”ތެރެ އިޝްގް މޭ“ ގެ ބަތަލުގެ ބައި ކުޅެފައެވެ.
ދަނޫޝް އަކީ މީގެ ކުރިން ކައިވެންޏެއް ކޮށްފައިވާ މީހެކެވެ. އޭނާ ކުރިން ކައިވެނިކޮށްގެން އުޅުނީ މަޝްހޫރު އެކްޓަރު ރަޖްނީކާންތުގެ ދަރިފުޅު އައިޝްވާރިއާ ރަޖްނީކާންތާއެވެ. 2004 ވަނަ އަހަރު ކުރި އެ ކައިވެނި 2022 ވަނަ އަހަރު ރަސްމީކޮށް ރޫޅާލާފައިވާއިރު، އެ ކައިވެންޏަށް ދެ ފިރިހެން ދަރިން ލިބިފައިވެއެވެ.
ދަނޫޝް އާއި މުރްނާލްގެ ކައިވެނީގެ ޚަބަރާއެކު ގިނަ ބަޔަކު މިހާރު އިންތިޒާރު ކުރަމުންދަނީ މިކަމާ ގުޅޭގޮތުން ދެ ތަރިން ރަސްމީ ބަހެއް ބުނާނެ ވަގުތަކަށެވެ.





