ދިވެހިރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ހަމަޖެއްސި ހަންގޭރީގެ ތަޖުރިބާކާރު ކޯޗު އިސްޓަވާން އުރުބާނީ، ޓީމާ ހަވާލުވުމަށް ރާއްޖެ އަތުވެއްޖެއެވެ. މިއީ އުރުބާނީ ރާއްޖޭގެ ގައުމީ ޓީމުގެ ހެޑް ކޯޗުގެ ޒިންމާއާ ހަވާލުވާ ތިންވަނަ ފަހަރެވެ.
މިފަހަރު އޭނާ ގައުމީ ޓީމާ ހަވާލުވީ ހަމައެކަނި ހެޑް ކޯޗެއްގެ ގޮތުގައެއް ނޫނެވެ. ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މައުލޫމާތު ދޭ ގޮތުގައި، އުރުބާނީ މިފަހަރު މަސައްކަތް ކުރާނީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ ޒިންމާވެސް އަދާކުރާ ގޮތަށެވެ.
ތިންވަނަ ފަހަރަށް ރާއްޖޭގެ ގައުމީ ކޯޗުކަމާ ހަވާލުވާން ނިންމި ސަބަބާ ގުޅޭގޮތުން ވާހަކަދައްކަމުން އުރުބާނީ ބުނީ، އޭނާ އެނބުރި އައުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އެފްއޭއެމްގެ މެނޭޖްމަންޓަށް އައި ބަދަލު ކަމަށެވެ. އެގޮތުން އެ އިދާރާގެ ރައީސްކަމާ، އޭނާގެ އިރުޝާދުގެ ދަށުން ކުރިން ކުޅުނު ކާމިޔާބު ފޯވަޑް އަހުމަދު ތޯރިގް (ޓޮމް) ހަވާލުވުމަކީ މި ނިންމުން ނިންމުމަށް ލިބުނު ބޮޑު ހިތްވަރެއް ކަމަށް އޭނާ ފާހަގަކުރިއެވެ.
އުމުރުން 58 އަހަރުގެ އުރުބާނީ އެންމެ ފުރަތަމަ ރާއްޖެއާ ހަވާލުވީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ފަހުއެވެ. އޭނާގެ ކޯޗުކަމުގައި 2009 އާއި 2011 ވަނަ އަހަރު ރާއްޖޭގެ ގައުމީ ޓީމު ވަރަށް ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާތަކެއް ހާސިލްކޮށްފައިވެއެވެ. ނަމަވެސް އޭނާގެ ކޯޗިން ކެރިއަރުގައި ރާއްޖޭގައި ހޭދަކުރި ދުވަސްތަކުގެ ތެރެއިން އެންމެ އުފާވި ވަގުތަކީ، 23 އަހަރުން ދަށުގެ ގައުމީ ޓީމާއެކު ސްރީލަންކާގައި އޮތް ރާޖަޕަކްސާ މުބާރާތް ކާމިޔާބު ކުރި ދުވަސް ކަމަށް އުރުބާނީ ބުންޏެވެ.
އުރުބާނީއަކީ ޔޫރަޕުގެ ފުޓުބޯޅައިގައި ކޯޗުންނަށް ދޭ އެންމެ މަތީ ފާސް ކަމަށްވާ ”ޔޫއެފާ ފްރޯ ކޯޗިން ލައިސެންސް“ ހާސިލްކޮށްފައިވާ ފަރާތެކެވެ. އޭނާ ވަނީ ހަންގޭރީގެ ކުލަބުތަކުގެ އިތުރުން އެމެރިކާގެ ސްޕޯޓިންގް ކެންސަސް ސިޓީގެ ޒުވާން ޓީމަށާއި ކޯ ވެލީ އެފްސީއަށް ވެސް ކޯޗުކަން ކޮށްދީފައެވެ.
ޒަމާނީ ފުޓުބޯޅައަށް ލޯބިކުރާ އުރުބާނީ ފާހަގަކުރެވެނީ ޒުވާން ކުޅުންތެރިން ބިނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ނަތީޖާ ނެރެވޭނެ ވަރުގަދަ ޓީމެއް އެކުލަވާލުމަށް އިސްކަންދޭ ކޯޗެއްގެ ގޮތުގައެވެ. އޭނާގެ މި ދަތުރުގައި ރާއްޖޭގެ ފުޓުބޯޅަ އާ އުސްމިންތަކަކަށް ގެންގޮސްދޭނެ ކަމަށް ދިވެހި ސަޕޯޓަރުން އުންމީދު ކުރެއެވެ.





