މާލޭގެ ގަލޮޅު ފުޓުބޯޅަ ދަނޑު ތަޅާލުމަށްފަހު، ރާއްޖޭގެ ގައުމީ ފުޓުބޯޅަ ސްޓޭޑިއަމް ހުޅުމާލޭގެ ފޭސް އެކަކަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ވަޒީރު ރާފިޢު ވިދާޅުވީ، ގަލޮޅު ދަނޑަކީ ރާއްޖޭގެ ތާރީޚާ ވަރަށް ބޮޑު ގުޅުމެއް އޮތް ތަނެއް ނަމަވެސް، އެތަނަކީ މިހާރު ބައިނަލްއަޤުވާމީ ސްޓޭޑިއަމެއްގެ ގޮތުގައި ތަރައްޤީކުރަން އެންމެ އެދެވޭ ތަން ނޫން ކަމަށެވެ. މާލޭގެ ކުޑަ ސަރަހައްދެއްގައި ދަނޑު އޮތުމުން ކުރިމަތިވާ ގޮންޖެހުންތަކަށް ވަޒީރު އަލިއަޅުއްވާލެއްވިއެވެ.
”އެތަނުގަ (ގަލޮޅު ދަނޑުގައި) ސޭފްޓީއާއި ސެކިޔުރިޓީއާ އަދި އެހެނިހެން ގޮތް ގޮތުންވެސް، މާނައަކީ ޕާކިންއާ، ޓްރެފިކާއި އަދި އާއްމު ރައްޔިތުން ދިރިއުޅޭ ތަނެއްގެ މެދުގައި އެ އިނުމަކީ ކުޅިވަރުކުޅޭ ތަނެއް މިހާރު ގާއިމްކުރަން ބަލާއިރު އެންމެ އެކަށީގެންވާ ތަނެއް ނޫން. އެހެންކަމުން މި ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ ގައުމީ ފުޓުބޯޅަ ސްޓޭޑިއަމް ހުޅުމާލޭގެ ފޭސް 1 އަށް ބަދަލުކުރުން،“ ވަޒީރު ރާފިޢު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ގަލޮޅު ދަނޑުގެ މިހާރުގެ ހާލަތަށް ބަލާއިރު، އެތަނަކީ ތަޅާނުލައި ބަހައްޓާވަރުގެ ހާލަތެއްގައި އޮތް ތަނެއް ނޫނެވެ. އަދި އެތަނުގައި ރަސްމީ ސްޓޭޑިއަމެއްގައި ހުންނަންޖެހޭ އަސާސީ ސިފަތަކެއް މިހާރު ނެތްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ސަރުކާރުގެ ޕްލޭނަކީ ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެ ބިމުގައި އާންމުންނަށް ފަސޭހައިން ވަދެ ނުކުމެވޭނެ ފަދަ، ކުޅިވަރު ކުޅޭނެ ޒަމާނީ ތަނެއް ތަރައްގީކުރުމެވެ.
ގައުމީ ސްޓޭޑިއަމް ހުޅުމާލެއަށް ބަދަލުކުރުމުން ލިބޭނެ ފައިދާތަކާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، އޭރުން އިންޓަނޭޝަނަލް ސްޕޯޓްސް ސެކިއުރިޓީގެ މިންގަނޑުތަކާ އެއްގޮތަށް އެތަން ގާއިމްކުރެވޭނެ ކަމަށެވެ. އަދި ހުޅުމާލޭގައި ޓްރެފިކާއި ޕާކިންގެ ކަންކަން މާ ބޮޑަށް މެނޭޖްކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ހުޅުމާލޭ ފޭސް އެކެއްގެ ދެކުނުކޮޅުގައެވެ. މިހާރުވެސް އެ ސަރަހައްދުން މިކަމަށް ބޭނުންވާ ހާއްސަ ބިމެއް ވަނީ ކަނޑައަޅާފައެވެ.





