ފުރަތަމަ ފަހަރަށް ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި ރާއްޖެއިން ދައްކަމުންދާ މޮޅު ކުޅުން ތަކުރާރުކޮށް، ވާދަވެރި އިންޑިއާގެ މައްޗަށް 0-5 ގެ ބޮޑު ނަތީޖާއަކުން ރާއްޖެ ކުރިހޯދައިފިއެވެ. ބެންކޮކުގެ ނޮންތަބުރީ ހޯލުގައި ކުޅުނު މި މެޗުން މޮޅުވެ، ރާއްޖެއިން ވަނީ މުބާރާތުގެ ތާވަލުގެ އެއްވަނައިގައި މަގާމު ވަރުގަދަކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މި ހާފުގައި ގިނަ ހަމަލާތަކެއް އުފައްދާ ނުރައްކާކުރީ އިންޑިއާއިންނެވެ. ނަމަވެސް އިންޑިއާގެ ހަމަލާތައް ހުއްޓުވުމުގައި ރާއްޖޭގެ ކީޕަރު ޒައިދާން އަޙްމަދު ވަނީ ހުށިޔާރުކަން ދައްކާފައެވެ. ފުރަތަމަ ހާފުގައި ރާއްޖެއިން ލީޑުނެގީ 12 ވަނަ މިނެޓުގައި ކައުންޓަރ އެޓޭކެއްގައި ތަނަވަސްވި ފުރުސަތަކުންނެވެ. އަބްދުﷲ ޝާއު (ޝާއްޕެ) މުޅިން ހުސްކޮށްލާފައި ދިން ޕާހަކުން މި ލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ ކެޕްޓަން މުޙަައްމަދު އިމްރާން (އިންމި) އެވެ.
ފުރަތަމަ ހާފުގައި ޑިފެންސިވް ގޭމެއް ރާއްޖެއިން ކުޅުނު ނަމަވެސް، ދެވަނަ ހާފުގައި ރާއްޖެ ފެނުނީ މާ ބޮޑަށް ކުރިއަށް ޖެހިގެން ކުޅުނު ތަނެވެ. އެގޮތުން ހާފު ފަށައިގެން ދޮޅު މިނެޓުގެ ތެރޭގައި ޝާފިއު ވަނީ ރާއްޖޭގެ ދެވަނަ ލަނޑު ޖަހައިދީފައެވެ. އޭގެ ތިން މިނެޓެއްހާއިރު ފަހުން ހުޒެއިފަތު ރަޝީދު (ހުޒޭ) ދިން ބޯޅައަކުން އަލީ ޝަމާލް އަބްދުﷲ (ޝަންމު) ވަނީ ރާއްޖޭގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.
ރާއްޖޭގެ ހަތަރުވަނަ ލަނޑު، ހާފުގެ 15 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން އިމްރާނެވެ. މިއީ އިންޑިއާއިން ޕަވާ ޕްލޭއަށް ނުކުމެ ކުރިއަށް އަރާ ތިއްބާ، ޝާފިއު ހޯދި ބޯޅައެއް އިންމި އަށް ޖައްސާލުމުން އަމިއްލަ ހާފުގައި ހުރެފައި އޭނާ ފޮނުވާލި ބޯޅައެކެވެ. ރާއްޖޭގެ ފަސްވަނަ ލަނޑު ވެސް ފެނިގެންދިޔައީ ހަމަ މިފަދަ ގޮތަކަށެވެ. އިންޑިއާގެ ހުރިހާ ކުޅުންތެރިން ކުރިއަށް އަރާ ތިއްބާ ލިބުނު ބޯޅައެއް، އަމިއްލަ ހާފުގައި ހުރެ ގޯލުގެ ތެރެއަށް ވައްދާލީ އަޙްމަދު ހަމީދު (އައްމަޑޭ) އެވެ.
މި މޮޅާއެކު ރާއްޖެއަށް ވަނީ މުބާރާތުގެ ތަށި އުފުލާލުމުގެ އުއްމީދު ވަރަށް ބޮޑުވެފައެވެ. މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅުވެ، 9 ޕޮއިންޓާއެކު ރާއްޖެ އޮތީ ތާވަލުގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތް ޕާކިސްތާނަށް ހަތަރު މެޗުން 7 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ނޭޕާލަށް ތިން މެޗުން ލިބިފައިވަނީ 5 ޕޮއިންޓެވެ. ރާއްޖެ އަތުން ބަލިވި އިންޑިއާ އޮތީ ތިން މެޗުން ލިބުނު 2 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގައެވެ.





