ދުނިޔޭގެ ފެޝަންގެ ދާއިރާގައި ނަންމަޝްހޫރު އިޓަލީގެ ފެޝަން ޑިޒައިނަރު ވެލެންޓީނޯ ގެރަވާނީ، އުމުރުން 93 އަހަރުގައި މަރުވެއްޖެއެވެ.
”އެމަޕަރަރ“ ނުވަތަ ރަސްކަލެއްގެ ނަމުން މަޝްހޫރުވެފައިވާ ވެލެންޓީނޯ މަރުވީ އިޓަލީވިލާތުގެ ރޯމްގައި އޭނާ ދިރިއުޅޭ ގޭގައެވެ.
ވެލެންޓީނޯއަކީ ފެޝަންގެ ދުނިޔޭގައި އޭނާގެ ގަދަކުލަތަކާއި، ފަށުވި ރީތި ޑިޒައިންތަކުގެ ސަބަބުން ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފަރާތެކެވެ. އޭނާގެ ފާހަގަކޮށްލެވޭ އެންމެ ޚާއްޞަ އެއް މަސައްކަތަކީ، ޙަފްލާތަކަށް އޭނާ ޑިޒައިންކުރާ ހަވީރީ ހެދުންތަކުގައި ބޭނުންކުރާ ރަތާއި އޮރެންޖު ކުލައިގެ ޚާއްޞަ މިކްސެވެ. މި ކުލަ ދުނިޔޭގެ ފެޝަން އިންޑަސްޓްރީގައި މަޝްހޫރުވެފައިވަނީ ”ވެލެންޓީނޯ ރެޑް“ގެ ނަމުންނެވެ.
މަލްޓިބިލިއަން ޑޮލަރުގެ ބޮޑު ވިޔަފާރި ބްރޭންޑެއް ބިނާކުރުމަށްފަހު، ވެލެންޓީނޯ ފެޝަންގެ މަސައްކަތުން ރިޓަޔަރ ކުރުމަށްޓަކައި އޭނާގެ ވިޔަފާރި 700 މިލިއަން އެމެރިކާ ޑޮލަރަށް ވިއްކައިލީ 2012 ވަނަ އަހަރުއެވެ. އޭނާގެ އަމިއްލަ ޑިޒައިންތައް އެންމެ ފަހުން ބައިނަލްއަގުވާމީ ފެޝަން ޝޯވއެއްގައި ބައިވެރިކޮށްފައިވަނީ 2008 ވަނަ އަހަރުގެ ޖެނުއަރީ މަހު ޕެރިސްގައި ބޭއްވި ޝޯވއެއްގައެވެ.
ވެލެންޓީނޯ މަރުވުމަކީ ބައިނަލްއަގުވާމީ ފެޝަންގެ ދާއިރާއަށް ލިބުނު ބޮޑު ފަޅުކަމެއްގެ ގޮތުގައި ދާއިރާގެ ތަޖުރިބާކާރުން ސިފަކުރެއެވެ. އޭނާއަކީ އެތައް އަހަރެއް ވަންދެން ދުނިޔޭގެ ފެޝަންގެ މިސްރާބު ކަނޑައެޅުމުގައި މުހިންމު ދައުރެއް އަދާކުރި ޝަޚްޞިއްޔަތެކެވެ.





