އއ. މާޅޮސް، އޯކިޑުމާގެ، އަބްދުއް ރަހްމާން އާދަމް (65އ) މަރުވީ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ކަމަށް އޭނާގެ އޮޓޮޕްސީ ވަގުތީ ރިޕޯޓުން ދައްކާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އަބްދުއްރަހްމާން މަރުވީ އޭނާ ނިދާފައި އޮއްވާ ބޮޑެތި ޒަހަމްތަކެއް ދިނުމުގެ ސަބަބުން ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މިމަހުގެ 13 ވަނަ ދުވަހު އެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު މިހާތަނަށް މީހަކު ހައްޔަރުނުކުރާ ކަމަށްވެސް ފުލުހުން މިއަދު ބުންޏެވެ.
އަބްދުއްރަހްމާންގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވީ މިމަހުގެ 21 ވަނަ ދުވަހު އެވެ. އަބްދުއްރަހްމާންގެ ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުން ނިންމި ނަމަވެސް އާއިލާއިން ވަނީ ޕޯސްޓްމޯޓަމް ހަދަން ދެކޮޅު ހަދާފަ އެވެ.
ޕޯސްޓްމޯޓަމަށްފަހު އަބްދުއްރަހްމާންގެ ހަށިގަނޑު މާލެ ގެނެސް މިމަހުގެ 23 ވަނަ ދުވަހު ރޭ 7:50 ހާއިރު މޯޗަރީއަށްލުމަށްފަހު ޖަނާޒާ ބާއްވާފައިވަނީ މިމަހުގެ 24 ވަނަ ދުވަހު މާލޭގަ އެވެ.





