މާލޭގެ ގެއަކަށް ވަގަށް ވަދެ، އެ ގޭގައި ދިރިއުޅޭ ބިދޭސީއެއްގެ ފޯނު ވަގަށް ނެގި މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުން ފަސް މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ހއ. މޮޅަދޫ، އާޒާދު، އަހުމަދު އަބްދުﷲގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް އުފުލާފައިވެއެވެ. އެއީ އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާއާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއެވެ.
މި ހާދިސާ ހިނގާފައިވަނީ 22 އޮކްޓޫބަރު 2024 ގައެވެ. ދައުވާގައިވާ ގޮތުން އަހުމަދު އަބްދުﷲ ވަނީ ބަންގްލަދޭޝް މީހަކު ދިރިއުޅޭ ކޮޓަރިއަށް ވަގަށް ވަދެ، އެ މީހާ ނިދާފައި އޮތްއިރު ބާލީސް ކައިރީގައި ބާއްވާފައި އޮތް ވީވޯ ބްރޭންޑްގެ ފޯނެއް ވަގަށް ނަގާފައެވެ.
ޝަރީއަތުގެ މަޖިލީހުގައި އަހުމަދު އަބްދުﷲ ވަނީ އޭނާގެ މައްޗަށް އުފުލި ދެ ދައުވާއަށްވެސް އިއުތިރާފުވެފައެވެ.
ކްރިމިނަލް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ކުރި ހުކުމުގައިވަނީ، އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގައި އޭނާ ތިން މަސް ދުވަހަށް ޖަލަށްލުމަށެވެ. އަދި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ފޯރުވުމުގެ ކުށުގައި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.
ނަމަވެސް، މި މައްސަލައިގެ ތަހުގީގާއި ޝަރީއަތުގެ މަރުހަލާގައި އޭނާ ބަންދުގައި ހޭދަކުރި މުއްދަތު ހުކުމުން އުނިކުރުމުން، އޭނާ މިހާރު ތަންފީޒުކުރަން ޖެހޭނީ ހަތަރު މަހާއި 26 ދުވަހުގެ ޖަލު ހުކުމެކެވެ.





