މާލެ، ދިވެހިރާއްޖެ – ރާއްޖޭގެ ކުޅިވަރު ކުރިއަރުވައި، ކުޅުންތެރިން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ މަގްސަދުގައި ބާއްވާ އެންމެ ބޮޑު ހަރަކާތް ކަމަށްވާ ”މޯލްޑިވްސް ސްޕޯޓްސް އެވޯޑު“ އަންނަ ފެބުރުވަރީ މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިއު ވިދާޅުވީ، އެވޯޑު ކޮމިޓީގެ މަސައްކަތްތައް މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި ކުރީ އަހަރުތަކާ ޚިލާފަށް، މިފަހަރުގެ އެވޯޑު ހަފްލާއިން އައު ކަންތައްތަކެއް ފެނިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މިގޮތުން ގެނެވޭ އެންމެ ބޮޑު އެއް ބަދަލަކީ އެވޯޑާއެކު ސެޓްފިކެޓް ދިނުން ކަމަށް ވަޒީރު ވިދާޅުވިއެވެ. ”މި އެވޯޑިންއަށް، ކުރީ އަހަރުތަކާ ޚިލާފަށް، އެ ލިބޭ އެވޯޑުތަކުގެ ސެޓްފިކެޓު ދިނުން، އިތުރުކަމެއްގެ ގޮތުގައި މިފަހަރު އަޅުގަނޑުމެން ހިމަނާފައި މިވަނީ. ސަބަބަކީ އެތުލީޓުންގެ ސީވީއަށް އެޑުކުރަން ފަސޭހަވާނެ އަދި އޭތި ޖަސްޓިފައިކޮށްދޭން ވެސް ފަސޭހަ ވާނެ އެ ލިބޭ އެވޯޑު، ސެޓްފިކެޓަކާ އެއްކޮށް ލިބުން،“ ވަޒީރު ރާފިއު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، އެވޯޑު ދިނުމުގެ މަސައްކަތްތައް އެކި ކުޅިވަރު އެސޯސިއޭޝަންތަކާ ގުޅިގެން ކުރިއަށްދާއިރު، މައުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތްވެސް ކޮމިޓީން ކުރަމުންދާ ކަމަށެވެ. މި ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބުރުވަރީ 15 ވާ ބުރާސްފަތި ދުވަހުގެ ރޭ ސޯޝަލް ސެންޓަރުގައެވެ.
އިތުރަށް ވަޒީރު ވިދާޅުވީ، މި ހަފްލާގެ ތެރެއިން މުޅި ކުޅިވަރު ކޮމިއުނިޓީއަށް ގެނެވުނު މުހިންމު ބަދަލުތައް ހާމަވެގެންދާނެ ކަމަށެވެ. އަދި އެތުލީޓުންނަށް ޚާއްސަކޮށްގެން ގިނަ ކަންތައްތަކެއް ރޭވިފައިވާ ކަމަށާއި، ކުޅިވަރު އާއިލާ އިންތިޒާރުކުރާ ފަދަ އުފާވެރި ކަންތައްތަކެއް އެ ރޭ ފެންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑަކީ 2022 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބާއްވަމުން އަންނަ، ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން އެންމެ ބޮޑަށް އިންތިޒާރުކުރާ އެއް ހަފްލާއެވެ.





