ގްރޭޓަރ މާލެ ރީޖަންގައި ހިމެނޭ ހުޅުމާލެ އާއި ވިލިމާލޭގައި މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްތަކެއް ބިނާކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ މިއަދު ހަވާލުކޮށްފިއެވެ.
ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުالله ރާފިޢުއެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުޙައްމަދުއެވެ.
މި މަޝްރޫޢުގެ ދަށުން މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްތައް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ވިލިމާލޭގެ އިތުރުން، ހުޅުމާލެ ފޭސް 1 އަދި ހުޅުމާލެ ފޭސް 2 ގައެވެ. މި ވަސީލަތްތަކަކީ އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ކުޅިވަރުގެ ތަފާތު ވަސީލަތްތައް އެއް ފުރާޅެއްގެ ދަށުން ލިބިގެންދާނެ ގޮތަށް ފަރުމާކުރެވޭ ތަންތަނެވެ.
2026 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މިއަދު ސޮއިކުރެވުނު އެއްބަސްވުމަކީ އެ ވައުދުފުޅު ފުއްދެވުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މުހިންމު ފިޔަވަޅެކެވެ.
މީގެ އިތުރުން، ރާއްޖޭގެ 63 ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަށްޓަކައި ކުޅިވަރާއި ހެށިހެޔޮކަމާބެހޭ ވުޒާރާ އާއި އެމްއޭސީއެލްއާ ދެމެދު، 18 އޮގަސްޓް 2024 ގައި ވެސް ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މި މަޝްރޫޢުތަކުގެ ސަބަބުން ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ކުރިއަރައި، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ބޮޑު ބާރެއް ލިބިގެންދާނެ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއެވެ.





