އޭޝިއާގެ އެންމެ މުއްސަނދި މަހުޖަނު މުކޭޝް އަމްބާނީގެ ހަގު ފިރިހެން ދަރިފުޅު އާނަންތު އަމްބާނީ އާއި އޭނާގެ އަންހެނުން ރާދިކާ މާޗަންޓް ޗުއްޓީ ހޭދަކޮށްލުމަށް އަނެއްކާވެސް ރާއްޖެ އަތުވެއްޖެއެވެ.
މިދިޔަ ނޮވެމްބަރު މަހުވެސް މި ދެމަފިރިން ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ. އެ ފަހަރު އެ މީހުން ތިބީ ހދ. މަކުނުދޫ ފަޅުގައި ތަރައްގީކޮށްފައިވާ އެންމެ މަތީ ފަންތީގެ ރިސޯޓެއް ކަމަށްވާ ސޮނެވާ ސީކްރެޓްގައެވެ.
ޓޫރިޒަމް ދާއިރާގެ ހަބަރުތައް ގެނެސްދޭ ”ހޮޓެލިއާ މޯލްޑިވްސް“ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އާނަންތު އާއި ރާދިކާގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި 50 މީހުންގެ ސެކިއުރިޓީ ޓީމެއް ވަނީ ރާއްޖެ ގެނެސްފައެވެ. މީގެ އިތުރުން، އެ މީހުންގެ ދަތުރުފަތުރުގެ ކަންކަމަށްޓަކައި ދެ ސީޕްލޭން އަބަދުވެސް ރިސޯޓުގައި ތައްޔާރީ ހާލަތުގައި ބާއްވާފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.
މިފަހަރުގެ ދަތުރުގައި އާނަންތު އާއި ރާދިކާ ޗުއްޓީ ހޭދަކުރަމުންދަނީ މާލެ އަތޮޅުގައި އޮންނަ ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގައެވެ. މިއީ ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ފެންވަރުގެ ހިދުމަތްތައް ދޭ ރިސޯޓެކެވެ.
އާނަންތުގެ ބައްޕަ، މުކޭޝް އަމްބާނީއަކީ ދުނިޔޭގެ 18 ވަނައަށް އެންމެ މުއްސަނދި މީހާގެ އިތުރުން އޭޝިއާ ބައްރުގެވެސް އެންމެ މުއްސަނދި ފަރާތެވެ. ފޯބްސްގެ ހިސާބުތަކުން ދައްކާގޮތުގައި އޭނާގެ މިލްކިއްޔާތުގެ އަގު 92.5 ބިލިއަން ޑޮލަރަށް އަރައެވެ. އަމްބާނީ އާއިލާގެ މެންބަރުންނަކީ ގިނަގިނައިން ރާއްޖެއަށް ޒިޔާރަތްކުރާ ބައެކެވެ.





