މާލޭގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި މަހުގެ 20 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ގއ. ވިލިނގިލި، ބުލާފަރުގޭ، އުމުރުން 36 އަހަރުގެ އަމްޖަދު ރިޤާބް އާއި ށ. ނޫމަރާ، މޯނިންސްޓާ، އުމުރުން 28 އަހަރުގެ މުޙައްމަދު ނާއިފް އެވެ.
މި އޮޕަރޭޝަނުގެ ތެރެއިން މި ދެ މީހުން ދިރިއުޅެމުންދިޔަ ގަލޮޅުގެ ގެއެއް ބަލައި ފާސްކުރި އިރު، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ދިވެހި ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނި ގޮތުގައި ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 266.29 ގްރާމް ހުއްޓެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އަމްޖަދު ރިޤާބް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. އަދި މުޙައްމަދު ނާއިފް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.





